Monday, April 27, 2015

މިއީ ޘާނަވީ ދިވެހި އުނގަންނަވައި ދެއްވާ މުދައްރިސުން އަދަބިއްޔާތު ކިޔަވައިދިނުމުގެ ތެރެއިން ދަރިވަރުންގެ ކުރިއެރުން ވަޒަންކުރުމަށް ބޭނުންކުރެވިދާނެ އެކްޓިވިޓީއެކެވެ.


ގްރޭޑް10ގެ ދަރިވަރުންނަށް ދިވެހި ކިޔަވައި ދިނުމުގައި ބޭނުންކުރެވިދާނެ  އެކްޓިވިޓީޒް ތަކެއް
މުހައްމަދު އިބުރާހިމް – ފެންފިޔާޒުގެ ހއ. ހޯރަފުށި

·        އެކްޓިވިޓީ . 1   :       ޓެކްސްޓް ރިކޮންސްޓްރަކްޝަން ( ތާވަލް ފުރިހަމަކުރުން )
·        އެކްޓިވިޓީ އަމާޒު ކުރެވޭ ގްރޭޑް:    ގްރޭޑް 10
·        އެކްޓިވިޓީގެ މަޤްޞަދު :
-             އަދަބުގެ ތަޢާރަފްގައި ހިމެނޭ ލިޔުންތެރިކަމުގެ ދައުރުތަކާއި އެ ދައުރު ތަކުގައި އުޅުއްވި ލިޔުންތެރިން ދެނެގަތުމާއެކު އެބޭފުޅަކު ނިސްބަތްވާ ލިޔުންތެރިކަމުގެ ދައުރުތަކާއި ލިޔުންތެރިން ތާވަލެއްގައި ފުރިހަމަ ކުރުން.
-             ލިޔުންތެރިކަމުގެ އެކި ދައުރުގައި ޚިދުމަތްކުރެއްވި އަދީބުން ނުވަތަ ލިޔުންތެރިންގެ މަސައްކަތް ދެނެގަތުމާއެކު އެލިޔުންތެރިއަކު ޚިދުމަތްކުރި ދުވަސްވަރުގެ މަޢުލޫމާތު ހޯދުން.
 
·        އެކްޓިވިޓީ ކުރިއަށް ގެންދާނެގޮތާއި ކުލާސް ރާވާނެ ގޮތް:
-             މި އެކްޓިވިޓީ ކުރިއަށް ގެންދިއުމަށްޓަކައި އެޕެންޑިކްސް 2.1  ގައިވާ ލިޔުން ފުރަތަމަ ދަރިވަރުން ކިޔުމަށްޓަކައި ދޭނީއެވެ.  ކޮންމެ ދަރިވަރަކަށްވެސް އެޕެންޑިކްސް 2.2 ގައިވާ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ތާވަލެއް ދޭނީއެވެ. މަސައްކަތް ކުރިއަށްގެންދާއިރު ތާވަލުގެ ހުސްތަން ފުރުމަށް ދަރިވަރުން އަމިއްލައަށް ފުރިހަމަކުރުމަށް ފުރުޞަތު ދެވިއްޖެ ނަމަ ދަސްކުރާއެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހުންނާނެއެވެ. ( މި އެކްޓިވިޓީ ކުރިއަށް ގެންދިއުމަށް ބޭނުންވާ  މަސައްކަތު ކަރުދާސް މި ލިޔުމުގެ ތިރީގައި ވާނެއެވެ.)         












އަދަބުގެ ތަޢާރަފް
                ދިވެހި އަދަބުގެ ޅަފަތުގެ ދައުރުގެ ޚިދުމަތްތެރިންނަށް ބަލާއިރު ފާހަގަ ކޮށްލެވޭ އަދީބުންތަކެއް ވެއެވެ. އެއީ އެދުރު އުމަރު މާފަތްކަލޭފާނާއި ، ބަނޑޭރި ހަސަންމަނިކުފާނުފަދަ އަދީބުންގެ ދުވަސްވަރެވެ. އެދުވަސްވަރުގެ އަދަބީ ޚިދުމަތްތަކުން ފެންނަން އޮތީ އެދުރު އުމަރު މާފަތް ކަލޭފާނުގެ ބޮޑު ތާހީދު ( ތައުހީދު ) އާއި ބަނޑޭރި ހަސަންމަނިކުފާނުގެ ދިޔޯގެ ރައިވާރާއި ، އަރި އަތޮޅު އަރުމާދު ރައިވަރެވެ. އެދުވަސްވަރު ފެންނާން ހުރި ފޮތްތަކަކީ މުޅިންވެސް ރައިވަރު ފޮތްތަކެވެ. ދިވެހި އަދަބުގެ ޅަފަތުގެ ދައުރަކީ ލިޔުންތައް ޗާޕްކުރެވުނު ދުވަސްވަރެއް ނޫނެވެ. މުޅިންވެސް އެއްޗެހި ލިޔެ ރައްކާކުރަމުން ގެންގުޅެމުން އައިސް ފައިވަނީ އަތުންލިޔެގެންނެވެ.
                ދިވެހި އަދަބުގެ ފިރުކެނެފެށި ދައުރުގެ ޚިދުމަތްތެރިންނަށް ބަލާއިރު ފާހަގަކޮށްލެވޭ ފަދަ އަދީބުންތަކެއް އުފެދިފައެއް ނުވެއެވެ. ނަމަވެސް އުފެދުނު މަދު ނަމަވެސް އަދީބުންވަނީ ދިވެހިބހުގެ އަދަބަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ފިރުކެންފެށި ދުވަސްވަރުގެ އަދީބުންގެ ތެރޭގައި ހިމެނެނީ ނާއިބު ތުއްތުއާއި  ،  ހުތްޢަލިދީދީ އާއި ، ޙުސައިން ޞަލާހުއްދީން ފަދަ ބޭފުޅުން ޚިދުމަތް ކޮށްދެއްވާފައި ވެއެވެ.  މި ދައުރުގައި ޅަފަތުގެ ދައުރަށްވުރެ ޤައުމުގައި ޢިލުމުވެރިންނާއި ތަންދޮރު ދަންނަމީހުން ގިނަވެގެން ދިޔައެވެ.  މިދައުރުގައި އުޅުއްވި ލިޔުންތެރިންގެ ލިޔުންތައް ޗާޕްކުރެވެން ފެށުނެވެ. ހަމަ މި ދައުރުގައި ދިވެހި ޅެންވެރިކަމުގެ އައު ވައްތަރެއް ކަމުގައިވާ " ޅެން " ތަޢާރަފް ވެގެން ދިޔައެވެ. 
                 އެއްދުވަހުން އަނެއްދުވަހަށް ދިވެހިއަދަބަށް ޚިދުމަތްކުރައްވަމުން ގެންދެވި ލިޔުންތެރިންނާއި އަދީބުން ދިޔައީ  އުފެދި ގިނަވަމުންނެވެ. އަދި އަދަބީ ގޮތުންވެސް ކުރިއަރައިގެން ދިޔުމުގެ ސަބަބަކަށްވީ ލިޔުންތެރިކަމުގެ އައު ދައުރެއް ކަމުގައިވާ ހިނގައިގަނެވެުނު ދައުރު ފެށިގެން ދިއުމެވެ.  ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގެ ޚިދުމަތްތެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބޭފުޅުންތަކެއް ވެއެވެ. އެއީ މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނާއި ، މުޙައްމަދު ޖަމީލު ދީދީ އާއި ، އިބުރާހިމް ޝިހާބާއި ، ޙުސައިން ޞަލާހުއްދީނާއި ، ބޮޑުފެންވަޅުގޭ ސީދީ އަދި އަހުމަދު ކާމިލް ދީދީގެ އިތުރުން މުޙައްމަދު އިސްމާޢީލްދީދީ ( ދޮންތުއްކަލާ) އަދި ޢަބުދުﷲ ޖަލާލުއްދީން އެވެ. ހުސައިން ޞަލާހުއްދީނަކީ ލިޔުންތެރިކަމުގެ ފިރުކެންފެށިދައުރާއި ، ހިނގައިގަނެވުނު ދައުރުގައިވެސް ޚިދުމަތްކުރެއްވި އަދީބެއްކަން ފާހަގަ ކުރެވެއެެވެ.
                   ދިވެހި ލިޔުންތެރިކަމުގެ ހިނގައިގަނެވުނު ދައުރުގައި  ޚާއްޞަ ކަންތައްތަކެއް ކުރިއަރައިގެން ދިޔައެވެ. އެގޮތުން ލިޔުންތެރިކަން ފުޅާވެ ތަނަވަސް ވިއެވެ. ލިޔުންތައް ޗާޕްވެ އާއްމުވަމުން ދިޔައެވެ. މަޖައްލާ ތަކާއި ނޫސްތަކާއި ، ފޮތްތައް ޗާޕްވެގެން ނުކުންނަން ފެށިއެވެ.  ލިޔަންބޭނުންކުރި ތާނައިގެ އަކުރުތަކުގެ ފައިގަނޑު ކުރުވެ ، އަތުން ލިޔެވޭ އަވަސްލިޔުންތަކަށް އަކުރުސެޓެއް އުފެއްދިއެވެ. މީގެ އިތުރުން ޖުމުލަތަކުގެ ނިމުން އެވެ. ށެވެ. ބޭނުންކުރަން ފެށުނެވެ. މި ދައުރުގައި އަދީބުންނާއި ، ޝާއިރުންނާއި ، މުޤައްރިރުން އުފެދުނެވެ. ރާއްޖެއަށް ތަޢުލީމު ޢާއްމު ކުރެވި ، މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިބަހަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ.
ރެފަރެންސް ލިސްޓް

Ø      ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު (2006). ޘާނަވީ ދިވެހި 1  .މާލެ :  ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު.
Ø      ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު (2007). ޘާނަވީ ދިވެހި 2 .މާލެ :  ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.
   މަސައްކަތު ކަރުދާސް:
އެކްޓިވިޓީ . 1  ( އެކެއް ) : ޓެކްސްޓް ރިކޮންސްޓްރަކްޝަން ( ތާވަލް ފުރިހަމަކުރުން )
                     އަދަބުގެ ތަޢާރަފް
        ދީފައިވާ ލިޔުން ކިޔައިގެން ތިރީގައިވާ ތާވަލް ފުރިހަމަ ކުރާށެވެ. ތާވަލް ފުރިހަމަ ކުރާއިރު ލިޔުން ކިޔައިގެން ލިބޭ މަޢުލޫމާތުގެ އިތުރުން ކުރިން ލިބިފައިވާ މަޢުލާމާތުވެސް ހިމަނާށެވެ.
ލިޔުންތެރިން ( އަދީބުން ) 
ޚިދުމަތްކުރެއްވި ދައުރު
އަދަބީ ޚިދުމަތް       












































·        އެކްޓިވިޓީ . 2  ( ދެއް ) :    ޓެކްސްޓް އެނަލައިސިސް: ( ފްލޯޗާޓް )
·        އެކްޓިވިޓީ އަމާޒު ކުރެވޭ ގްރޭޑް:    ގްރޭޑް 10
·        އެކްޓިވިޓީގެ މަޤްޞަދު :
-        އަދަބުގެ ތަޢާރަފްގައި ހިމެނޭ ލިޔުންތެރިކަމުގެ ދައުރުތަކާއި އެ ދައުރުތަކުގައި އުޅުއްވި ލިޔުންތެރިން ދެނެގަތުމާއެކު އެބޭފުޅަކު ނިސްބަތްވާ ލިޔުންތެރިކަމުގެ ދައުރު ފްލޯޗާޓެއްގައި ދައްކައިދިނުން.
-        ލިޔުންތެރިކަމުގެ އެކި ދައުރުތަކުގައި ކޮށްފައިވާ މުޚިއްމު ކަންތައްތައް ދެނެގަތުމާއެކު އެކަން ފްލޯޗާޓްގައި ފާހަގަކުރުން. 
 
·        އެކްޓިވިޓީ ކުރިއަށް ގެންދާނެގޮތާއި ކުލާސް ރާވާނެ ގޮތް:
-        މި އެކްޓިވިޓީ ކުރިއަށް ގެންދިއުމަށްޓަކައި އެޕެންޑިކްސް 2.1 ގައިވާ ލިޔުން ފުރަތަމަ ދަރިވަރުން ކިޔުމަށްޓަކައި ދޭނީއެވެ. އެއަށްފަހު ދަރިވަރުން ފަސްކުދިން ހިމެނޭ ގްރޫޕްތަކަށް ބަހާލުމަށްފަހު  ދެން އެޕެންޑިކްސް 2.2 ގައިވާ ފްލޯޗާޓްގެ ނަމޫނާ ދެއްކުމަށްފަހު  ލިޔުންތެރިކަން ކުރިއަރައިގެން އައި ގޮތް ދައްކައިދޭ ފްލޯޗާޓެއް ކޮންމެ ގްރޫޕަކުންވެސް ތައްޔާރުކުރުމަށް ހަވާލުކުރާނީއެވެ. ފްލޯޗާރޓް ފުރިހަމަ ކުރާއިރު އެކި ދައުރު ތަކާ ގުޅޭގޮތުން ލިޔުމުން ލިބެންހުރި ވީހާވެސް ގިނަ މަޢުލޫމާތުތައް ފްލޯޗާޓްގައި ހިމެނުމަށް ބާރުއަޅަންވާނެއެވެ.  ( މި އެކްޓިވިޓީ ކުރިއަށް ބޭނުންވާ  ލިޔުމާއި ،ފްލޯޗާޓްގެ ނަމޫނާ ކަރުދާސް މި ލިޔުމުގެ ތިރީގައިވާނެއެވެ.)         













އެކްޓިވިޓީ . 2 ( ދޭއް ) : ޓެކްސްޓް އެނަލައިސިސް ( ފްލޯޗާޓް )
ދިވެހި އަދަބީ ޚަރަކާތް
         ދިވެހި އަދަބީ ތާރީޚުގެ ފުރަތަމަ ދެ ދައުރުގައިވެސް ޚިދުމަތް ކޮށްފައިވަނީ އެކިއެކި މީހުން ވަކި ވަކިންނެވެ. ނަމަވެސް ހިނގައިގަނެވުނު ދައުރުގައި މިކަން ބަދަލުވެގެން ދިޔައެވެ. މުޙައްމަދު އަމީނުގެ ބެއްލެވުމުގެ ދަށުން ގިނަބަޔަކު އެއްވެ ޖަމާޢަތެއްގެ ގޮތުގައި މި މަސައްކަތް ކުރެވެން ފެށުނެވެ. މިގޮތުން ހިނގި އެއް ޚަރަކާތަކީ މަޙުކަމަތުލް ދާޚިލިއްޔާ އިން އުފެއްދެވި ވާހަކަ ކޮމެޓީގެ މަސައްކަތެވެ.  ވާހަކަ ކޮމެޓީގެ މަސައްކަތަކީ އޭރު މާލެ ތެރޭގައި އެކި މީސްމީހުން ލިޔެގެން ގެންގުޅެމުންދިޔަ ވާހަކަތައް ފާސްކުރުމެވެ. މި ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ދިވެހިބަހާއި އަދަބު ކުރިއެރުވުމަށް މަސައްކަތުގައި އޭރު އިސްކޮށްތިއްބެވި ބޭފުޅުންނެވެ. ރައީސަކީ މުޙައްމަދު އަމީނެވެ. މަޝްހޫރު ދޮންތުއްކަލާގެ " ގެއްލުނު ފުރާވަރު" މިއީ މި ކޮމެތީގެ ތެރެއިން އުފެދުނު ވާހަކައެކެވެ.  މި ކޮމެޓިގެ މަސައްކަތަކީ ދިވެހި އަދަބީ މަސައްކަތުގައި ގިނަބަޔަކު ބައިވެރިވެގެން އަދަބީ ހަރަކާތެއްގެ ގޮތުގައި ކުރެވުނު ފުރަތަމަ މަސައްކަތެވެ. "އައްރަފީޤު" ކިޔާ މަޖައްލާއެއް އަތުން ލިޔެގެން އެ ކޮމެޓީގެ މެމްބަރުންގެ މެދުގައި ނެރެވެން ފެށިއެވެ.   ކޮމެޓީގެ މެމްބަރުންގެ ވާހަކަ ދެއްކުންތެރިކަން ކުރިއެރުވުމަށް މަސައްކަތް ފެށުނެވެ. އެކި މައިގަނޑު ނަންތަކަށް ވާހަކަދެއްކުމާއި ބަހުޘްކުރުމުގެ ތަމްރީންތައް ދެވެން ފެށުނެވެ. މި ގޮތަށް ބަހުޘްކޮށް ވާހަކަ ދެއްކުމަކީ މީގެ ކުރިން ޢާއްމު ކަމެއް ނޫނެވެ.   އޭރުގެ މީހުންގެ ވިސްނުންހުރި ގޮތުގެ މައްޗަށް ބައްލަވައި އެންމެ ފުރަތަމަ މި ބަހުޘްތައް ފެއްޓެވީ މާލޭގެ ބަނދަރުގައި އޮތް ސަރުކާރުގެ ނާކޮޅެއްގައެވެ. " އަތިއްޔަތުއްރަހްމާނު " ( ބޮޑުނާކޮޅު) ގައެވެ. އެއީ ބަހުޘްކުރާ އަޑު ޢާއްމުންގެ ބަޔަކަށް އިވިއްޖެ ނަމަ ބޮޑުންގެ މެދުގައި ހަމަނުޖެހުމެއް އުފެދިގެން އުޅޭކަމަށް އެމީހުންނަށް ހީވެދާނެތީއެވެ.   ވާހަކަ ކޮމެޓީގެ މަސައްކަތް ކުރިއަށްގޮސް ހިޖުރައިން 1365 ވަނަ އަހަރު ރަމަޟާން މަހު ދެވަނަ ދުވަހު "ދިވެހި ބަހަށް ޚިދުމަތްކުރާ ކޮމެޓީ" އެއް އުފެދި އެކަން ހިނގައިގެންފިއެވެ. މި ކޮމެޓީގެ ވެސް ރައީސަކީ މުޙައްމަދު އަމީނެވެ. މުސްތަޝާރަކީ ޙުސައިން ޞަލާހުއްދީން އެވެ. އޭގެ ފަހުން " ބަސްކޮމެޓީއެއް" އުފެދުނެވެ. މި ކޮމެޓީއިން ދިވެހި ބަސްފޮތެއް އެކުލެވުމުގެ މަސައްކަތް ފެއްޓިއެވެ. ބަސްފޮތުގެ ރަދީފުތައް އެކުލަވައި ހ. އިން ވ. އާހަމައަށް ނިންމަވައި މި ރަދީފު ފޮތްތައް ޗާޕްކުރައްވައިގެން ނެރުއްވިއެވެ.   މި ދައުރުގައި ދިވެހި އަދަބިއްޔާތާއި ޅެންވެރިކަން ކުރިއަރައި ދިޔައެވެ. ޝާއިރުންނާއި ،އަދީބުންނާއި ވާހަކަ ދެއްކުންތެރިންނާއި ލިޔުންތެރިން އުފެދުނެވެ. ދިވެހި ނޫސްވެރިކަން ފެށުނެވެ. 

ރެފަރެންސް ލިސްޓް

Ø      ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު (2006). ޘާނަވީ ދިވެހި 1  .މާލެ :  ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު.
Ø      ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒު (2007). ޘާނަވީ ދިވެހި 2 .މާލެ :  ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު.

 
   މަސައްކަތު ކަރުދާސް:
އެކްޓިވިޓީ . 2  ( ދޭއް ) : ޓެކްސްޓް އެނަލައިސިސް: ( ފްލޯޗާޓް )
  ފުރަތަމަ ދިވެހި އަދަބީ ހަރަކާތް ފެށިގެން އައީ ކިހިނެއްކަމާއި ، އެއަށްފަހު އަދަބިއްޔާތުގެ ބައި ކުރިއަރައިގެން އައިސް އަދަބީ ލިޔުންތަކާއި، ލިޔުންތެރިން ގިނަވުމުގެ ސަބަބުން އަދީބުން  މަސައްކަތް ކުރިއަރައިގެން ދިއުމުން  ލިބުނު ކުރިއެރުން ދައްކާށެވެ.  މިގޮތުން ދިވެހި އަދަބީ ހަރަކާތް ފެށިގެން އައިގޮތާއި ދިވެހިއަދަބިއްޔާތު ކުރިއެރުމަށް މެދުވެރިވި ސަބަބާއި، ނިކުތް ނަތީޖާ ދައްކައިދޭށެވެ.
ލިޔެއުޅުނު ވާހަކަތައް ފާސްކުރުން
( ދެން ކުރެވުނު ކަމެއް )
އައްރަފީޤް މަޖައްލާ ނެރުން
( ދެން ކުރެވުނު ކަމެއް )
"ދިވެހިބަހަށް ޚިދުމަތްކުރާ ކޮމެޓީ " އުފެދުން
ބަސްކޮމެޓީއެއް އުފެދުން
( ދެން ކުރެވުނު ކަމެއް )
ދިވެހިބަހުގެ ރަދީފުތައް އެކުލަވާލުން
 













( ދެން ކުރިއަރައިގެން ދިޔަ ކަމެއް )
 
ޅެންވެރިކަން ކުރިއެރުން
  

އެންމެ ފަހުގެ ނަތީޖާ އަކީ؟
ޝާއިރުން ، އަދިބުން ، ވާހަކަދެއްކުންތެރިން، ލިޔުންތެރިން އުފެދުން
 

1 comment:

  1. ރަނގަޅުމަސައްކަތެއް،ކުރިޔަށް ވަޑައިގަންނަވާ

    ReplyDelete