Sunday, October 25, 2015
Monday, April 27, 2015
އުނގަންނައި ދިނުމުގައި ދަރިވަރަށް އިސްކަންދޭ (ސްޓޫޑެންޓް-ސެންޓާރޑް) ލާރނިންގ ތިޔަރީއަށް ބަރޯސާވުން
އުނގަންނައި ދިނުމުގައި ދަރިވަރަށް އިސްކަންދޭ (ސްޓޫޑެންޓް-ސެންޓާރޑް) ލާރނިންގ
ތިޔަރީއަށް ބަރޯސާވުން
މުހައްމަދު އިބުރާހިމް – ފެންފިޔާޒުގެ ހއ. ހޯރަފުށި
ކިޔަވައިދިނުމުގައި ނުވަތަ ކިޔަވައި ދިނުމަށް
ކުލާހަކަށް ވަންނަވާ މުދައްރިސްއަކީ ކިތަށްމެ މޮޅަށް ތަޢުލީމު ލިބިފައިވާ
މީހަކަށްވިޔަސް ކިޔަވައިދިނުމުގައި ދަރިވަރުން ބައިވެރިކޮށްގެން
އުނގަންނައިދިނުމުގެ ހުނަރު ލިބިފައި
ހުރުމަކީ ވަރަށްވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްގެ ގޮތުގައި އެނގިގެން
ހިނގައްޖެއެވެ. ކިޔަވައި ދިނުމަށް
ކުލާހަށް ދުރުވާ މުދައްރިސަކަށް ލިބިފައިވާ ޢިލްމާއި ހުނަރަކީ ވަކި ދެ ކަމެއް
ކަމުގައިވިޔަސް އެއްބައި އަނެއްބައި ވަނީ ގުޅިލާމެހިފައެވެ. މޮޅު ޢިލްމެއް
ލިބިފައި ހުރި ކަމުގައި ވިޔަސް ހުނަރުވެރިކަމާއެކު ތިޔަރިސްޓުންގެ މެތަޑުތައްތައް
ބޭނުންކުރަން އެނގުމަކީ އުނގަންނައިދިނުން ކާމިޔާބު ކަމާއެކު
ކުރިއަށްގެންދިއުމަށްް ލިބޭ ވަރަށްބޮޑު ބާރެއްކަން ޔަޤީނާ ގާތަށް އެނގިގެން ވަނީ
ގޮސްފައެވެ. މުދައްރިސްކަން ނުވަތަ
އުނގަނައި ދިނުމުގެ ތެރެއިން މިދެންނެވި އިލްމާއި ހުނަރުބޭނުންކޮށްގެން ދަރިވަރުން
އަމިއްލައަށް ކަންކަން ހޯދައިބަލައި ދަސްކުރެވޭނެ މަގު ފަހިކޮށްދޭން ޖެހެއެވެ. ގްލޭސަރ
(1984)،ގެ ކޮންޓްރޯލް ތިއަރީގައިވާ ފަދައިން އިސްވެ ހުށަހެޅުނު ކަންކަމުން، ކުދިންގެ
ލޯބި ޙާސިލް ކުރެވޭނެ އެވެ. ކުދިން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި އެކުދިންގެ
އަސާސީ ބޭނުންތައް އެކުދިންނަށް މިނިވަން ކަމާއިއެކު ހޯދޭނެ މަގު ފައިވާނެ އެވެ.
ވުމާއެކު، ސްލޫކީ މައްސަލަތައް ރަގަޅު ކުރެވޭނެ މާހައުލެއް ޤާއިމްކުރެވިގެން ދާނެ
އެވެ. މިގޮތުން އަމިއްލައަށް އުނގެނި
ދަސްކުރުމަށް ފުރުޞަތު ހޯދައިދިނުމަކީ ކިޔަވައިދިނުމުގެ މައިދާނުގައި ހަރުދަނާ
ކަމާއެކީ ފައިތިލަސާބިތު ކޮށްގެން ތިމާ
ކުރާކަމަކުން ހިތްހަމަޖެހުން އަމިއްލައަށް ވަޒަންކުރުމަށް ލިބިގެންދާ ވަރަށްބޮޑު
ހިތްވަރަކަށް ވެގެން ދެއެވެ. މިގޮތުން ކިޔަވައިދިނުން ކާމިޔާބު ކުރުމަށްޓަކައި
ދަރިވަރުން ބައިވެރިކޮށްގެން ( ސްޓޫޑެންޓް ސެންޓާރޑް ލާރނިންގ) މި ތިޔަރީ
ކިޔަވއިދިނުމުގައި ކުރިއަށް ގެންދެވޭނީ ޕިޔާޖޭ
ތިޔަރީގައި ބުނެފައިވާ ފަދައިން ވަށައިގެންވާ މާހައުލުގައި ގުޅި ލާމެހިފައިވާ
އެކަތި އަނެކަތި ގުޅުވާ ލައިގެންނެވެ. އެގޮތުން ޅިގެން ދަރިވަރުން އަމިއްލަ އަށް ލިޔަން
ހަވާލުކުރުމުގެ ކުރިން ވަކި މަޢުޟޫއަކަށް ހޯދާ މަޢުލޫމާތުތައް އެއް ޕެރެގްރާފުން
އަނެއް ޕެރެގްރާފަކަށް ގުޅުވައިގެން ކުރިއަށް ގެންދާނެ ގޮތާއި ، އޮނިގަނޑު ތަރުތީބުކުރުމާއި ، ޚިޔާލު ތަރައްޤީ ކުރުމުގެ ވިސްނުމަށް ބާރުއެޅޭފަދަ
ގޮތަކަށް ދަރިވަރުން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި މަސައްކަތް ހަވާލު
ކުރެވިދާނެއެވެ. ދަރިވަރުން ކުރާކަމެއްގެ
ގޮތުގައި ކުރުމަށް ހާވާލު ކުރާނީ "
ސްޓޫޑެންޓް ސެންޓާރޑްލަރނިންގ" ބޭނުންކޮށްގެން ފިޅާވަޅު ކުރިއަށް ގެންދާ ގޮތަށެވެ. އެހެންކަމުން މި ފަދަ ފިލާވަޅެއް
ކުރިއަށްގެންދިއުމުގައި މަސައްކަތް ހަވާލުކުރުމުގެ ކުރިން ކުލާހުގައި ތިބޭ
ދަރިވަރުންގެ އަދަދަށް ބަހާލައިގެން ކުރިއަށް ގެންދެވިދާނެއެވެ. އެއަށްފަހު
މިގޮތަށް ފިލާވަޅު ކުރިއަށް ގެންދާނީ ދަރިވަރުން އަމިއްލައަށް އުނގެނުމަށްޓަކައި
މަސައްކަތް ކުރިއަށް ގެންދަންވީ ގޮތުގެ އޮނިގަނޑެއް ރާވާދީ ނުވަތަ ކުރިއަށް
ގެންދަންވީ އުޞޫލެއް އަންގައިދިނުމަށް ފަހު ޝައުޣުވެރި މާހައުލެއް އުފައްދަން
ޖެހެއެވެ.
ކިޔަވައިދިނުމުގައި އެދުވަހެއްގެ ފިލާވަޅު އަންގައިދިީ ކާމިޔާބު
ފިލާވަޅަކަށް ހެދުމަށްޓަކައި ދަރިވަރަށް އިސްކަންދޭ ގޮތަށް އުނގެނުން ފަހި
މާހައުލެއް މިހާރު އުފައްދަން ޖެހެއެވެ. މިގޮތުން ދަރިވަރުން ފިލާވަޅުގައި
ބައިވެރިވުން ނުލިބި އެއްވެސް ދަރިވަރެއް ބާކީނުވާނެގޮތަކަށް ފިލާވަޅުތައް ބައްޓަންކުރަން ޖެހެއެވެ.
މިގޮތުން ދަރިވަރުންނަށް އިސްކަންދެވޭގޮތަށް ގެންދެވިދާނެ ތަފާތު ހާލަތްތައް
ނުހަނު ގިނައެވެ. އެގޮތުން ކިޔަވައިދިނުމުގައި މައްސަލަ ހައްލުކުރުމާއި، އައު
މައުލޫމާތު ހޯދާ ލިބިގަތުމާއި، ލިބުނު މަޢުލޫމާތު ބޭނުންކޮށްގެން ނަތީޖާ ކަނޑައެޅުމާއި، ގޮތެއް
ކަނޑައެޅުމުގެ މައްޗަށް ކުރިއަށް ގެންދެވޭ ކޮންމެ ފިލާވަޅަކީ ދަރިވަރުންނަށް
ނުހަނު ފައިދާ ކުރަނިވި ގޮތަކަށް ގެންދިއުމަށް މެދުވެރި ކުރުވިދާނެ
ގޮތްތަކެވެ. މިހާރު އުނގަންނައިދޭ
އެއްޗެއް ދަރިވަރުންގެ ހިތްތަކުގައި ގިނަދުވަހަށް ހަރުލާ ބެހެއްޓުމަށްޓަކައި،
އަމަލީގޮތުން ދަސްކޮށް އެކަމުގެ ބޭނުން ފަހުން ހިފަންޖެހޭގޮތަށް ކަންތައްތައް
ދަސްކޮށްދެވޭ ފިލާވަޅުތަކެއް ކަމުގައި ހަދަން ޖެހެއެވެ. ވިލިއަމް ގްލޭސަރ
(1984)، ކުދިންގެ ނޭދެވޭ ޢަމަލްތައް ރަގަޅު ކުރުމަށް ބުނެފައިވާ ބުނުމުގައި
ފާހަގަކޮށްފައިވާ ފަދައިން ކުދިންގެ ބޭނުންތައް ނުފުދޭނަމަ ކުދިން ސްކޫލުގައި
މައްސަލަތައް އުފައްދަ އެވެ. އެހެންކަމުން ޓީޗަރުންގެ ދައުރަކީ މިފަދަ ކުދިންގެ
ބޭނުންތައް ރަގަޅުގޮތުގައި ފުއްދުމަށް އެހީތެރިވެދިނުމެވެ.
ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުގައި ކޫނިން ގެ ހޯދުން
ތަކުން ހާމަކުރާ " ބިހޭވިއަރަލް ލާރނިންގ ތިޔަރީ "
އަކީވެސް ފިލާވަޅުގެ ތެރެއިން ދަރިވަރުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަންކުރުމަށް
ޓީޗަރަށް ލިބިދޭ ވަރަށް ބޮޑު ބާރެކެވެ. މިގޮތުން ލިޔުންތެރިކަން ނުވަތަ
ދަސްކުރުމުގެ ތެރެއިން ފިޅާވަޅެއް ކުރިއަށް ގެންދާއިރު ޕިއާޖޭގެ
ތިޔަރީގައިވާ ފަދައިން ކުރިން އެނގިފައިވާ ނުވަތަ ދަސްވެފައިވާ މައުލޫމާތުތައް އާ
ކަންތައް ތަކާއި ގުޅުވުމަށް އެހީތެރިވެދީ ، ދަރިވަރުންނަށް މެދުވެރިކުރުވާ ސުވާލުތަކަށް ދެވޭ
ޖަވާބު ރަނގަޅަކަސް އަދި ނުރަނގަޅަކަސް ، ދަރިވަރު އަމިއްލަ އަށް އުފައްދައިގެން
ދޭ ޖަވާބު އަދި ކުރާ މަސައްކަތް
ފުރިހަމަކުރުމަށް އަމިއްލަ ޚިޔާލާއި ، އާދަޔާ ޚިލާފު ޚިޔާލުތައް ބަލައިގަންނަކަން
ހާމަކޮށްދެވިދާނެއެވެ. ތަރުހީބުދީ ، ހިތްވަރުދީގެން ދެވަނަ ފަހަރަށް ކަމެއްކުރުވުމަށް
ބާރުދީގެން ކުރިއަށް ގެންދެވިދާނެއެވެ.
ދަރިވަރުންނާއި ސުވާލެއް ކުރުމަށް ފަހު ވަގުތުން ޖަވާބު ހޯދަން ނޫޅެ
އެސުވާލުގެ ޖަވާބު ދިނުމަށް ވިސްނާލުމަށް ވަގުތު ކޮޅެއް ދެވިދާނެއެވެ . އޭރުން
އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެގެން ދެއެވެ.
މިގޮތުން ޕިއާޖޭގެ ތިޔަރީގެ އަލީގައި
ކިޔަވައިދީފި ނަމަ އެ ފިލާވަޅު ތަފާތު ބަދަލުތަކާއެކު ދަރިވަރުން ޝަޢުޤުވެރިވާ
ގޮތަށް ކުރިއަށް ގެންދެވިދާނެ ކަން އެނގެއެވެ.
މިގޮތުން ގެންދެވޭ ފިލާވަޅުތަކުގައި ހިމަނާލެވޭ ތަފާތު
ބަދަލުތަކުގެސަބަބުން ކުލާސްތަކުގައި ތިބޭ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރި
ވުމުގެ ފުރުޞަތު ލިބި އުނގެނުމަށް ފަހި މާހައުލެއް އުފެދިގެން ދެއެވެ.
ހަމައެއާއެކު ދަރިވަރުންގެ އުނގެނުމަށް ފަހިކުރިއެރުން ތަކެއް އަންނަމުން
ދެއެވެ. މިއީ ކުލާސްރޫމްގައި
ކިޔަވައިދިނުމަށް ވަރަށް ބޮޑަށް ބޭނުންވެ
ހަރުދަނާ ކަމާއެކީ ކުރިއަށް ގެންދަން ބޭނުންވެ ޕްރެކްޓިސް ކުރެވެމުންދާ
މެތަޑުތަކެވެ.
މީގެ ކުރިން ކިޔަވައިދިނުމާ ގުޅޭ
މަޝްވަރާތަކުގައި ދެކެވޭ އެއް
ވާހަކައަކީ ދަރިވަރުން ފިލާވަޅުތަކުގައި
ބައިވެރިވުމަށް ޝަޢުޤު ނުހުންނަ ވާހަކަތަކެވެ. ކިޔަވައިދީ ނިންމާލުމަށްފަހު ފިލާވަޅުތައް ކާމިޔާބުކަމާއެކު ކުރިއަށް
ނުގެންދެވޭ ކަމުގެ ޝަކުވާތައް ކުރެވެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިހާރު ކިޔަވައިދޭ ދިނުމުގައި ދަރިވަރުންގެ ނަތީޖާ އެއްދުވަހުން
އަނެއްދުވަހަށް ކުރިއަރައިގެން ދާތަން ފެންނަން ފަަށައިފިއެވެ. މިގޮތަށް ކުރިއަށް
ދިއުމަށް ބާރުވެރިކުރުވި އެއް ތިޔަރީއަކީ ޖޭން
ޕިޔާޖޭ އާއި ވައިގޮޓްސްކޯ ގެ " ކޮންސްޓްރަކްޓިވިސްޓް ތިޔަރީ "
އެވެ . އެ ތިޔަރީގެ ސަބަބުންވެސް ދަރިވަރުންގެ އުނގެނުން ފަހި ކުރުމުގައި ވަރަށް
މުހިއްމު ދައުރެއް އަދާކުރެއެވެ. ޕިއާޖޭގެ
ތިޔަރީގައި ބުނެފައިވާ ގޮތުން ދަރިވަރުން އުނގެނެންޖެހެނީ ހަރަކާތްތެރި
ތަޖްރިބާތަކެއްގެ ތެރެއިން ކަމަށް ވުމާއެކު
ދަރިވަރުންގެ މެދުގައިި ވާދަވެރި ރޫޚެއްގައި މަސައްކަތް ކުރުމުގެ
ޝަޢުޤުވެރިކަމެއް އުފެދި ހިތްހަމަޖެހޭ ނަތީޖާ ތަކެއް ދަރިވަރުންގެ ކިބައިން
ފެންނަމުން ދެއެވެ. އެގޮތުން " ތިޔަރީސް އޮފް މޯޓިވޭޝަން " އަށް
ކިޔަވައިދެވޭއިރު ދަރިވަރުންނަށް
ހަވާލުކުރެވޭ މަސައްކަތްތައް އެއީ ހަޤީޤީ ކަމަކާއި ގުޅުވައިގެން ކުރެވޭ ކަމަކަށް
ވާނަމަ މިހާރަށް ވުރެ ބޮޑަށް ހިތްތަކުގައި ޝަޢުޤު އުފެދިގެން ދެއެވެ. މިިއީ
ދަރިވަރުން އެންމެ ބޭނުންވާ ވަޤުތު
އެހެންމީހުންގެ އެހީ ނުލިބި އަމިއްލައަށް ތަޖުރިބާ ކޮށްގެން ޖަވާބު ހޯދުމަށް ކޮށާލެވޭ މަގެއް ނުވަތަ
ހުޅުވައިދެވޭ ދޮރަކަށް ވެގެންދެއެވެ.
އަދި ލިޔުންތެރިކަމާއި އުފެއްދުންތެރިކަން ކުރިއަރައިދާނެ ކަމަކަށްވެސް
ވެއެވެ. މަޢުލޫމާތުތަކުން ލިބިދޭ ތަޖުރިބާ ބޭނުންކޮށްގެން މަސައްކަތް ކުރިއަށް
ގެންދިއުމުގެ ފުރުޞަތަކަށް ވެގެން ދެއެވެ.
މިގޮތަށް ކުރިއަށް ގެންދާއިރު ޕިއާޖޭގެ ތިޔަރީގައި ފާހަގަކުރާ
ދަރިވަރުން ވިސްނުން ތަރައްޤީކުރެވޭ އެއް އުކުޅަކީ އިޖުތިމާޢީ ގޮތުން ދަރިވަރުން
ވިސްނުން ކުރިއެރުވުމެވެެ. ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުގައި
ފިލާވަޅުތަކުގައި ހަދާލެވޭ ދަރިވަރުން ގްރޫޕް ތަކުގައި މަސައްކަތް ކުރަމުން ދާގޮތްބަލައި
އެކި ގްރޫޕްތަކުގެ މަސައްކަތްތައް ފާހަގަކޮށް އެދަރިވަރުންނަށް ހިތްވަރުދިނުމަކީ
ވެސް މަސައްކަތްކުރުމުގެ ޝައުވެރިކަން ދެމެހެއްޓި އަދި އެކަމެއް ކުރާހިތުން
ކުރިއަށްގެންދިއުމަށް އެޅޭ ވަރަށް ބޮޑުބާރެކެވެ.
ގްރޫޕް ތަކުގެ މަސައްކަތްތަކުން އެންމެ ރަނގަޅު މަސައްކަތްތައް އެހެން
ގްރޫޕްތަކަށް ދައްކައިގެން މަސައްކަތުގެ ފޯރި ހިފެހެއްޓުމަށް މުދައްރިސުން ވަރަށް
ބޮޑަށް ވިސްނައިގެން ތަފާތު އުކުޅުގެ ބޭނުން ހިފަންޖެހެއެވެ. އުނގަންނައި
ދިނުމުގައި ބިހޭވިއަރަލް ތިއަރީ އާއި، މޯޓިވޭޝަން ތިއަރީ އާއި،
ކޮންސްޓްރަކްޓިވިޒަމް ތިއަރީ އަދި ސޯޝިއަލް ކޮގްނެޓިވް
ތިއަރީގެ ބޭނުން އެކަށޭނަ ޙާލަތުގައި ހިފިދާނެ ކަމުގައި އާމިނަތު ޝާފިޔާ އާދަމް
(2011)، ބަޔާންކުރައްވާފައިވެ އެވެ. އެއިރުން ވަރަށްބޮޑަށް ދަރިވަރުން ކަންކަމުގައި ޝާމިލްވެގެން ކުލާސްތެރޭގެ އުނގެނުމުގެ މާހައުލު ބަދަލުކޮށްލުމަށްް ވަރަށް ބޮޑަށް
މަގުފަހިވެގެން ދާނެ އެވެ.
ވައިގޮޓްސްކީ ގެ
ފާހަގަކުރާ ގޮތުންނަމަ ދަރިވަރުގެ ވިސްނުން ތަރައްޤީ ކުރެވޭނީ ކުރީގެ ވިސްނުމާ
ގުޅުވާލައިގެން ކަމަށް ވާތީ ،ދަރިވަރުން ކުލާސްރޫމުގައި އަދި ކުލާސްރޫމުން
ބޭރުގައިވެސް އުނގެނުމަކީ އެ ދަރިވަރެއްގެ ޒިންމާއެއް ކަމުގައި ދެކި ކިޔަވަނީ ދަރިވަރު ކުރާކަމަކަށް ވާތީ ފިލާވަޅު ކުރިއަށް ގެންދިއުމުގެ މަރުހަލާގައި
ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި
ބަލައިި އެގޮތަށް ހުރިހާ ފަރާތް ތަކަކުން ދަނީ ޕްރެކްޓިސް ކުރަމުންނެވެ. ގްރޫޕް މަސައްކަތްފަދަ މަސައްކަތްތައް
ނިންމާލުމުން މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އުނދަގޫވި ނުވަތަ ލިބުނު
މަޢުލޫމާތުން މަސައްކަތަށް ލިބުނު ކުރިއެރުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް
ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދެވިފައި އޮންނަށް ޖެހެއެވެ. މިގޮތުން ކުރިއަށްގެންދއުމުގައި އެއްކަމެއްގައި
މާގިނަ ވަގުތު ދެވިއްޖެ ނަމަ މަސައްކަތަށް ދަރިވަރުން ފޫހިވުމަކީ އެކަށީގެންވާ
ކަމަކަށް ވަތީ އެކި މަސައްކަތްތައް ކުރިއަށްގެންގޮސް ނިންމާލުމަށް ވަގުތު
ކަނޑައަޅައިގެން މަސައްކަތް ރާވާލަން ޖެހެއެވެ. ހަމައެއާއެކު ފިލާވަޅުގައި ވައިގޮޓްސްކީގެ "
ސްކެފޯލްޑިންގ " (އުނގަންނައި ދެމުން ދާއިރު އުނދަގޫ އެއްޗެއް އޮޅުން
ފިލުވައިދޭ ނަމަ އެހީތެރިވެދޭ ލެވެލް ބަދަލު ކުރުމުން ކުދިންގެ ވިސްނުމާއި ،
ދޭހަވާ މިންވަރުގެ ލެވެލަކަށް ބަދަލު ކުރުން ) މިއީ ވަރަށް މުހިއްމު ބޭނުންތެރި
ކަމެކެވެ. ގިނަފަހަރަށް ކިޔަވައި ދިނުމުގައި މިފަދަ ބަދަލުތައް ގެނެވިފައި
ނުވާތީ ދަރިވަރުންނަށް ރަނގަޅު ނަތީޖާ
އެއް ލިބިގަތުމަށް އުދަގުވެއެެވެ. ކިޔަވައިދިނުމަށް ރާވާލެވިގެންދާ ފިލާވާޅު
އެހެން ގޮތަކަށް ބަދަލުކުރަން ގިނަފަހަރަށް ދަތިވެއެވެ. ދަރިވަރުންގެ ވިސްނުމުގެ
ލެވެލްއަށްވުރެ މަތީ ބަސްކޮށާރު ބޭނުން ނުކޮށް އުމުރާއި ހާލަތާއި ގުލޭގޮތަށް
ކިޔަވައިދެވޭ ނަމަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ވެއެވެ. މިކަމުގެ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ކަމުގެ ތަމްރީން ލިބި އަމިއްލަ މަސައްކަތުން ބަލައި ހޯދާ ވިސްނާ
ފިކުރު ހިންގައިގެން ކާމިޔާބުގެ ހަރުފަތްތައް ގިރާކުރުމަށް ދަރިވަރުންނަށް
ލިއްބައިދެވޭ ހިތްވަރެވެ. މިކަމުގެ
ސަބަބުން އުނގެނުމުގެ މަރުހަލާ
ނިންމުމަށްފަހު އަމަލީ މައިދާންތަކުގައި ހަރަކާތްތެރިވާން ނުކުންނަ
ދަރިވަރުންނަކީ ހުނަރުވެރިންގެ ގޮތުގައި
ދަނީ ގިނަވަމުންނެވެ. މިކަމުގެ އެންމެ
ބޮޑު އެއް ކާމިޔާބީ އަކީ އުނގަންނައި
ދިނުމުގައި ކޮންމެ ފިލާވަޅެއްގައިވެސް ދަރިވަރުން އަމިއްލައަށް އުނގެނި
ދަސްކުރުމުގެ ވެއްޓެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާގެ ފޮނިކަމެވެ.
އުނގަނައިދިނުމުގައި ތަފާތު ދިރާސާތަކުން
އެނގިގެންދިޔަ މެތަޑުތައްް ކިޔަވައިދިނުމުގައި ބޭނުންކުރެވެއެވެ. އެގޮތުން ބިހޭވިއަރ ލާރނިންގ
ތިޔަރީއަކީވެސް ފިލާވަޅުގައި ދަރިވަރުން ބައިވެރިކޮށްގެން ދަރިވަރުންގެ ސުލޫކު
ބައްޓަންކޮށް ރަނގަޅު ސުލޫކް ތަކެއްގައި ހިފަހައްޓުވައި އުނގެނުން ފަހިކުރުވުމަށް
ކުރެވުނު އެއްމަސައްކަތެވެ. އެގޮތުން ފިކުރު ކުރުމުގެ ހުނަރާއެކު އުނގެނުމުގައި
ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް އަމިއްލައަށް ހޯދައިގެން މަސައްކަތް ކުރިއަށް
ގެންދިއުމަށް ދަރިވަރުންނަށް ދެވުނު ބާރެވެ.
މައްސަލަ ހައްލުކުރުމުގެ މަރުހަލާ ތަކުގެ ތެރެއިން ތިމާގެ
އަމިއްލަމަސައްކަތުން ލިބިގަނެވޭ ކާމިޔާބުން ނަފުސަށް ހިތްވަރުލިބި ދެވަނަ
ފަހަރަކަށް ކަންތައްތައް ކުރުމަށްް އުފެއްދި ޝަޢުޤުވެރިކަމެވެ.
ދަރިވަރުންގެ ހިތްތަކުގައި އުފެދޭ
ޝަޤުޤުވެރިކަމުން ދަސްކުރެވޭ އެއްޗެއް ގިނަދުވަސްތަކަކަށް ހަނދާނުގައި ހަރުލާފައި
ހުންނަކަން ފާހަގަކުރަމެވެ. ދަރިވަރުން
ގުޅިގެން އަމިއްލައަށް ކަންތައްތައް ދެނެގަނެ ދަސްކުރުމުގެ ތެރެއިން ކުލާހުގައި
ތިބޭ އެކިފަންތީގެ ދަރިވަރުންގެ މެދުގައި އެއްބައިވަންތަ ކަމުގެ ރޫހް އުފެދި
އެކަކު އަނެކަކަށް އިތުބާރު ބޮޑުވެ އިޖުތިމާޢީ ރޫހް ވަރުގަދަ ވެގެން ދެއެވެ. ހަމަ
އެއާއެކު އުނގެނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދިމާވާ ދަތި އުނދަގޫ
ގޮތްތަކުން މިންޖުވުމަށް ކާމިޔާބީއަކާ ހަމައަށް ދާނެ ހިތްވަރު އުފައްދައިދެވެއެވެ.
މިގޮތަށް ކުރިއަށް ގެންދިއުމުގައި
ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދެވޭ އިރު " ސޯޝަލް ކޮގްނެޓިވް ލާރނިންގ ތިޔަރީ
" އަކީ ދަރިވަރުން އުފައްދާ ޚިޔާލުތައް ކުލާހަށް ހުށަހެޅުމުގައި ބަސްބޭނުން
ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީގެން ކިޔަވައި ދިނުން ކުރިއަށް ގެންދެވިދާނެ
ތިޔަރީއެކެވެ. މިގޮތުން ކުދިންގެ އުނގެނުމުގެ މާހައުލުގައި އެންމެ އިސް ރޯލެއް
އަދާކުރާ އެއްފަރާތަކީ އެކުގައި ކިޔަވަން އުޅޭ
ކުދިން ކަމުގައިވާތީ ދޭދޭ ކުދިންގެ މެދުގައި
ބަދަލުކުރެވޭ މައުލޫމަތަކީ މުހިއްމު ބަޔަކަށް ވާތީ ދަރިވަރުން އެއްކުރި މަޢުލޫމާތު ތަކުގެ
މައްޗަށް ވާހަކަ ދައްކާ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމުގެ
ހަރަކާތްތަކަކީ ވަރަށްގިން މަޢުލޫމާތުތަކެއް ހިމަނައިގެން ވަކިގޮތަކަށް
ރާވާލަންޖެހޭ ފިލާވަޅު ތަކަކަށްވާތީ އެކަމަށްޓަކައި
މަސައްކަތް ކުރާނެ އުފެއްދުންތެރި ގޮތްތަކެއް ދަސްކޮށްދިނުމަށް މުދައްރިސް ،
ދަރިވަރުންގެ ވިސްނުން އެއް ދިމާއަކަށް
ފޯކަސް ކުރުމުގެ ބަދަލުގައި ތަފާތު ދިމަދިމާއަށް ފިކުރު ހިންގުމަށް ފުރުޞަތު
ފަހިކޮށްދެއެވެ. ގްރޫޕްކުމުގައި ހުނަރުގެ
ގޮތުންނާއި ، ތަޢުލީމީފެންވަރުގެ ގޮތުންނާއި ދަސްކުރުމުގެ ނުވަތަ ހޯދާ
ދެނެގަތުމުގެ ވައްޓަފާޅިއަށް ބަލައި ތަފާތު ދަރިވަރުން ހިމެނޭ ގޮތަށް
މަސައްކަތް ހަވާލު ކުރުމުގެ ޘަޤާފަތް
މަދަރުސާ ތަކުގައި މިހާރު ދަނީ ފައްކާ ކުރަމުންނެވެ.
މި ކަންކަމަށް ބާރުލިބިގެން ކިޔަވައިދިނުން
ކުރިއަށް ގެންދެވެނީ ދަރިވަރުން އަމިއްލައަށް ކުރާމަސައްކަތަކުން އެއްޗެހި ތަކެއް
ދަސްވަމުން ދާނެގޮތަކަށެވެ. އުނގަންނައިދިނުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް
ހަރަކާތްތެރި މާހައުލެއްގައި އަމިއްލައަށް
ނަފުސަށް މިހާރުވަނީ ތަޖުރިބާ ކުރެވިފައެވެ. ކިޔަވައިދިނުމުގެ ތެރެއިން
ދަރިވަރުންނަށް ހޯދައިދެވުނު ހުރިހާ ކާމިޔާބީ އަކީވެސް މިދެންނެވި މަގުން
ކޮށްދެވުނު މަސައްކަތުގެ ފޮނި މޭވާއެވެ. އުނގެނުން ތަރައްޤީކޮށް ކުރިއެރުވުގެ
ތެރެއިން ކަމުގެ ތަޖުރިބާކާރުން ނުވަތަ ދިރާސާ ކުރާފަރާތްތަކުން ހާމަ ކޮށްފައިވާ
ގޮތުން އުނގަންނައި ދިނުމުގެ ކާމިޔާބީއަށް ބަލާއިރު ވާދަވެރި މާހައުލެއްގައި
ކިޔަވައިދިނުމާއި، ވަކިވަކި ދަރިވަރުންނަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގައި
" ޓޗަރ ސެންޓާރޑް ލާރނިން" އަށް ވުރެ ދަރިވަރުންނާއި ގުޅިގެން
އެއްބާރުލައިގެން ( ސްޓޫޑެންޓް ސެންޓާރޑް ލާރނިން) ތިޔަރީން
އުނގަންނައިދިނުމަކީ އެންމެ ފައިދާ ހުރި ގޮތްކަމުގައި ތަޖުރިބާތަކުން އެނގި އުނގަންނައިދިނުމުގައި މިހާރު އެންމެ
ފުރިހަމަ ގޮތުގައި މި މެތަޑު ބޭނުންކުރެވެން ފަށައިފިއެވެ. މިގޮތުން ކާމިޔާބު
މެތަޑެއްގެ ގޮތުގައި ވެގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ބީއެފް ސްކިނަރގެ
ނަޒަރިއްޔާގައި ބުނާ ދަރިވަރުންގެ ކިބައިން ފެންނަ ޝަޢުޤުވެރިކަމަށް
ހިތްވަރުދިނުމުގެ ސަބަބުންކަން ތަޖުރިބާ ކުރެވެއެވެ.
ދަރިވަރުން ބައިވެރިކޮށްގެން އުނގަންނައި
ދިނުމަކީ ސީދާ ގޮތުންނާއި ނުސިދާ ގޮތުން
ބެލިކަމުގައިވިޔަސް ދަރިވަރަށް އެންމެ މަންފާ ކުރަނިވި ގޮތެއްގައި ކިޔަވައިދެއްވާ
ޓީޗަރަށް ކުރެވޭ މަސައްކަތުގެ ހިތްހަމަ ޖައްސާލެވޭ އެއް
މެތަޑެވެ. މިގޮތަށް ކިޔަވައިދިނުމުގައި ކޯޕަރޭޓް ލާރނިންގ ތިޔަރީ ފިލާވަޅުތަކުގައި ބޭނުންކުރުމުގައި ވިސްނާލަން
ޖެހޭ އެއް ކަމަކީ އެދުވަހެއްގެ ފިލާވަޅު ކާމިޔާބު ކަމާއެކު ގެންދާނީ ކިހިނެއް
ކަމެވެ. ދަރިވަރުން ބައިވެރިކޮށްގެން ނުވަތަ ސްތޫޑެންޓް ސެންޓާރޑް ލާރނިންގ އަށް
އިސްކަން ދެވޭއިރު ފިލަވަޅާ ގުޅޭ ޝަޢުޤުވެރި ހަރަކާތްތަކާއި، ތަމްރީންތައް އަދި
ކުޅިވަރުތައް ގެންދިއުމުގެ ކުރިން ފިލާވަޅުން ލިއްބައިދޭން ޖެހޭ ހުނަރާއި ސިފަ
އޮޅުން ފިލުވައިދޭނީ ކިހިނެއްކަން ކޮން
ވަޤުތެއްގައިކަން ވިސްނުމުގައި އޮންނަން
ޖެހެއެވެ. އަދި ކުރިއަށް ގެންދެވޭ އެކްޓިވިޓީ އިން ދަރިވަރަށް ހާސިލްވާނީ
ކޮންކަމެއްކަން ވެސް އެނގި ފިލާވަޅު ކުރިއަށް ގެންދެވޭ ނަމަ ތަފާތު ތިޔަރީ ތަކުގެ
ފުރިހަމަ ބޭނުން ހިފިގެން ދާނެއެވެ. ކިޔަވައިދިނުމާ ގުޅުން ހުރި އެކއެކި
ތިޔަރީތަކުގެ އަލީގައި އުނގަންނައިދެވޭ ނަމަ ދަރިވަރުން އަބަދުވެސް ތިބޭނީ
ކުލާހަށް ދުރުވާ ޓީޗަރެއްގެ އެދުވަހަކު ނަގައިދެއްވާ ފިލާވަޅަކަށް މަރުހަބާ
ކިޔުމަށް ތައްޔާރުވެގެންނެވެ. އަދި ފިލާވަޅު ނިމިގެން ދާވަޤުތު ދަރިވަރުންގެ
ފަރާތުން މުދައްރިސް ހިތްހަމ ޖެހޭފަދަ މަންޒަރުތަކާއި ޝުކުރުގެ ބަސްތައް އޮހިގެން
ދާނެއެވެ. އަދި ދަރިވަރުން ބަލައިގަންނަ މުދައްރިސްއަކަށް ވެގެން ދާނެއެެވެ.
ރެފަރެންސް ލިސްޓް
Ø
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް
ސައިކޮލޮޖީ، ސޓަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ.
ތަޢުލިީމީ ފަލްސަފާ އާއި ޕެޑަގޮޖީ އަދި މަންހަޖު
ތަޢުލިީމީ ފަލްސަފާ އާއި
ޕެޑަގޮޖީ އަދި މަންހަޖު
މުހައްމަދު އިބުރާހިމް – ފެންފިޔާޒުގެ ހއ. ހޯރަފުށި
ތަޢުލީމީ ފަލްސަފާއެއްގައި
އުނގަންނައިދިނުން ބިނާވާން ޖެހޭނީ ހަރަކާތްތެރި ތަޖުރިބާތަކެއްގެތެރެއިން ލިބިދޭ
އާމަޢުލޫމާތުތައް ބޭނުން ހިފޭނެ ގޮތަކަށެވެ. ހަމައެއާއެކު ކިޔަވައިދޭ މުދައްރިސް
ވާންޖެހޭނީ އެއިރެއްގައި ކިޔަވާދޭ ކުލާހުގައި ތިބޭ ދަރިވަރުންގެ ވިސްނުމުގެ މަރުހަލާތައް
އެނގިގެން ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް ހަޤީޤީ ކަންކަމުގެ ތެރެއިން ތަޖުރިބާތައް
މެދުވެރިކޮށް ވިސްނުން ކުރިއެރުވުމަށް އެހީވެދޭ މީހެއްގެ ގޮތުގައެވެ. ހަމައެއާއެކު
އުނގަންނައިދިނުން ކުރިއެރުވުމަށް ދަރިވަރުން އެކަނި ހައްލުކުރަން ނުވަތަ ކުރިއަށް
ދިއުމަށް އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި އެހެންމީހުންގެ އެހީތެރިކަމުގައި
ހައްލުކުރެވި ދަސްކުރެވޭނެ ގޮތްތައް މެދުވެރިކޮށްދިނުމާއެކު އުނދަގޫއެއްޗެއް އޮޅުންފިލުވައިދިނުމުގައި
ދަރިވަރުންގެ ވިސްނުމުގެ މިންގަނޑު ހުރިވަރަކަށް
ފިލާވަޅު ބަދަލުކޮށްގެން ކިޔަވައިދޭން ޖެހެއެެވެ. ރަނގަޅު
އުނގަންނައިދިނުމެއްގައި ދަރިވަރުންގެ ކިބައިން ފެންނަމުންދާ ރަނގަޅުސިފަތައް
ފާހަގަކުރުމާއެކު ދަރިވަރުންގެ ހިތްތަކުގައި އަބަދުވެސް ރަނގަޅު ސިފަތަކުގައި
ދެމިތިބުމަށް ތަރުހީބު ދޭންޖެހެއެވެ . އުނގަންނައިދިނުމުގެ ތެރޭގައި ދަރިވަރުން
އުޅެ ބޮޑުވާ މާހަލުން ޤަބޫލުކުރާ ކުރުންތަަކާއި ދިނާއި ޘަޤާފަތުގެ ތެރެއިން އަޤީދާ
ވަރުގަދަ ދީނީ ކަންތައްތަކަށް އިސްކަންދޭނެ އެކަން ކުރުމަށް ޝަޢުޤުއުފެދިފައިވާ
ދަރިވަރުން އުފައްދަން ޖެހެއެވެ. ދަރިވަރުންނަށް އުނގަންނައިދޭ އެއްޗެއް ވަޒަން ކުރުމުގައި
އިމްތިޚާނު ތަކުގައި ތަޢުލީމް ދެވޭ ބައިތައް ދަސްވެފައިވާ އެއްޗަކުން އެނގިހުރި
މަޢުލޫމާތާއި، ލިބިހުރި ހުނަރަކާއި ، ހަރުލާފައިވާ ސިފަ ވަޒަން ކުރެވިގެން
ދާގޮތަށް ބައްޓަން ކުރަންޖެހެއެވެ.
ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެކަމެއް ކާމިޔާބަކާއި ހަމައަށް
ގެންދިއުމަށް ފަންނުވެރިކަމަކާއި ވަކި ހަމަތަކެއްގެ ތެރެއިން ކުރިއަށް
ގެންދިއުމަށް ވިސްނަންޖެހެއެވެ.
ދަރިވަރުން ބައްޓަންކުރުމުގައި ތަފާތު ކުލަތަކުން ޒީނަތްތެރިކުރަން
ޖެހެއެވެ. އެގޮތުން އިލްމީ ފަލްސަފާތަކުގެ ތެރެއިން އަލުގަނޑުމެން ކަނޑައަޅާ
ގޮތްތަކެއް އެންމެ އެދެވޭ ގޮތެއްގައި
ބޭނުން ކުރެވިއްޖެނަމަ އެދެވޭ ކުރިއެރުންތަކާއި ކާމިޔާބަކަށް
ދަރިވަރުންނަށް ކުރިއެރުން ހޯދައި ދެވޭނެ ކަމަށް ޤަބޫލުކުރަމެވެ. އެގޮތުން
ކިޔަވައިދިނުމުގައި އަޅުގަނޑުގެ އަމިއްލަ ތަޢުލީމީ ފަލްސަފާއަށް
އަލިއަޅުވާލާނަމެވެ. މިއީ ކިޔަވައިދިނުން ނުވަތަ އުނގަންނައި ދޭއިރު ބޭނުން ކުރާ
އަޅުގަނޑުގެ އަމިއްލަ ފަލްސަފާއެވެ.
އުނގަންނައި ދިނުމަށް ޓަކައި ކުރިމަތިލާ އިރު އެތަނެއްގެ ނުވަތަ ތައުލީމް
ކުރިއެރުވުމަށް ކަނޑައެޅިފައިވާ ޤަޢުމީ ފަލްސަފާ ތަކަކީ ވަރަށް މުހިއްމު
ގޮތެއްގައި އިސްކަން ދީގެން ދަރިވަރުން ކުރިއަރުވާ ތަރުބިއްޔަތު ކުރުމަށް
ބޭނުންހިފަން ޖެހޭނެ އެއް ހަތިޔާރެވެ.
އެންމެ ފުރަތަމަ ދަރިވަރުން ވަކިގޮތަކަށް ހާނާ ބައްޓަން ކުރުމަށްޓަކައި
ދަރިވަރުންގެ އުޅުން ނުވަތަ ސްލޫކަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް
ރަނގަޅުގޮތުގައި މުޢާމަލާތް ކުރެވެއެވެ.
ހަމައެއާއެކު ދަރިވަރުންނާ ކުރެވޭ މުޢާމަލާތުގެ ތެރެއިން ދަރިވަރުންގެ
އުޅުން ނުވަތަ ހަރުލާފައިވާ ނުރަނގަޅު ސިފަ ތަކުން އެދެވޭ ރަނގަޅު ސިފަތަކަށް
ބަދަލުގެނައުމަށް ދަރިވަރުން ޤަބޫލުކުރާ އުޞޫލުތަކެއް ބުނެދެވި އެ އުޞޫލުތައް
ބޭނުން ކުރެވެއެވެ.
ދަރިވަރުންގެ ސްލޫކަށް ރަނގަޅު ހެޔޮބަދަލެއް
ގެނެވޭނީ ދަރިވަރުންގެ ފަރާތުން އެދެވޭ
ކަންތައްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް ފަހަރަށް އިނާމު ނުވަތަ ހަދިޔާ
ފަދަތަކެތި ދެވެއެވެ. ހަމައެއާއެކު ރަނގަޅު ކުރުވަން ޖެހޭ ކަންކަމަށް ނަފްސާނީ
ގޮތުން އުނިކަން ނުލިބޭފަދަ ގޮތަކަށް ލުއިއަދަބު ފަދަ ކަންކަން މެދުވެރި
ކުރުވަމެވެ. އެގޮތުން ކުޅިވަރު ތަކާއި ދަރިވަރު ކުރާހިތްވާ ބައެއް ކަންތައްތަކުން
ބައެއްފަހަރަށް ވަގުތު ކޮޅަކަށް ދުރުކުރުވެއެވެ. މިގޮތަށް ކުރުމުން ދަރިވަރު
ބޭނުންވާ ކަމަކަށް ފުރުޞަތު ހޯދުމަށް އެދެވޭ ހެޔޮބަދަލުތަކެއް ގެންނަން
މަޖުބޫރުވެއެވެ. މިގޮތުން ދަރިވަރުންގެ ސަމާލުކަން ހޯދާ ޝަޢުޤު ވެރިކުރުވޭނެ
ގޮތްތައް ބޭނުންކުރެވެއެވެ. ފުރަތަމަ ކަމަކަށް " ބިހޭވިއަރ ލާރނިންގ
ތިޔަރީ " އަދި " މޯޓިވޭޝަނަލް ތިޔަރީ " ބޭނުން
ކުރެވެއެވެ. އުނގަންނައި ދިނުމުގައި މަސައްކަތްކުރާއިރު ދަރިވަރުންއެކިއެކި
ކަންކަން ހޯދާ ބަލައި ވިސްނުންމާއި
ކަންކަން ދަސްކުރުމަށް ފިކުރު ހުންނަގޮތް ދެނެގަތުމާއެކު ގޮތް " ކޮގްނެޓިވް ލާރނިންގ ތިޔަރީ
" ގެ އަލީގައި ބުނެދެވެއެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ކިޔަވައި
ދިނުމުގައި ކޮންމެ ކުއްޖަކީ ތަފާތު
ވިސްނުމުގެ ކުއްޖަކަށް ވުމާއެކު އެފަދަ ކުދިން ދެނެގަނެ ކިޔަވައިދިނުމުގެ ގޮތްތައް
ރާވަލެވެއެވެ. ފިލާވަޅު ކުރިއަށްގެންދިއުމުގެ ދަރިވަރުން ގުޅިގެން
އެއްބާރުލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން އުނގަންނައި ދިނުމަށް
އިސްކަމެއް ދެވެއެވެ. މިގޮތުން " ސޯޝަލް
ޑިވެލޮޕްމަންޓް ތިޔަރީ "ގެ ބޭނުން ފުރިހަމަ ގޮތެއްގައި ހިފެއެވެ. އެއީ
އަމަލީ ގޮތުން ކުރެމޭ މަސައްކަތަކުން ދަސްވާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި
ހަރުލެއްވިފައި ބެހެއްޓޭނެކަން އެނގޭތީއެވެ. މި ހުރިހާ ފަލްސަފާގެ ތެރެއިން
ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވެނީ
ތަޢުލީމް ދިނުމުގެ މައިގަނޑު ތިންބައި ކަމުގައިވާ މަޢުލުމާތާއި ހުނަރު އަދި ސިފަ
އެއް ހަރުލެއްވޭނެ ގޮތުގެ މައްޗަށެވެ. އުނގަންނައިދިނުމުގައި އެންމެ ފުރިހަމަ
ގޮތުގައި ފިލާވަޅު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން ޝަޢުޤުވެރިކަމާއެކު
ބައިވެރިވެ ދުވަހުގެ ފިލާވަޅުގެ މަޤްސަދު އެންމެ އެދެވޭ ގޮތެއްގައި ހާޞިލްކުރެވޭނެ
ގޮތެއްގެ މަތިންނެވެ.
އުނގަންނައިދިނުމުގައި
ބޭނުންކުރާ ތަޢުލީމީ ފަލްސަފާ އެކަށައަޅައި އޭގައިވާ ބައިތައް
ކުރިއަށްގެންދިއުމުގައި އެންމެ މުހިއްމުކަމެއް ދެވިފައިވާނީ އުނގަންނައި ދެވޭ
އެއްޗަކުން ފުރިހަމަ ކާމިޔާބީއަކަށް
ވާޞިލް ވުމަށްޓަކައި ރާއްޖޭގެ ތައުލީމީ ޤައުމީ ފަލްސަފާގައި އެކުލެވޭ ބައިތައް
ފުރިހަމަކޮށްދިނުމަށެވެ. އިލްމީ
ދިރާސާތަކުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާތުތައް ނުވަތަ ފަލްސަފާތަކުން
މައުލޫމާތާއި ހުނަރާއި ސިފަ އެކުލެވޭ ގޮތަށް ބައްޓަންވެފައިވާ ދަރިވަރުންތަކެއް
ބިނާކުރުމެވެެ. އުނގަންނައިދިނުމުގެތެރެއިން ދަރިވަރުންގެ
ވިސްނުންރަނގަޅުކުރުމަށް ކުލާސްތެރޭގައި ކުރިއަށްގެންދެވޭ ތަފާތު އެކުޓިވިޓި
ތަކާއި ، ހަރަކާތްތަކުގެ ތެރެއިން އުނގެނުމުުގެ ފިލާވަޅުތަކުގައި
ކުރިމަތިކުރެވޭ މައްސަލަތަކުގެ ސަބަބުން އެއް ގްރޭޑުން އަނެއް ގްރޭޑަކަށް
ބަދަލުވާއިރު ކުރިން ކިޔެވި އެއްޖެއްގެ ބޭނުން ހިފައި ކިޔަވައިދޭ ގްރޭޑްގެ
ފެންވަރު މައްޗަށް ދިޔަވަރަކަށް ދަރިވަރުގެ ވިސްނުމުގެ ފެންވަރު ކުރިއަރާ ކުރިން
ލިބިފައިހުންނަ މަަޢުލޫމާތުގެ ބޭނުން ހިފައިގެން ނަތީޖާ ޚާޞިލް ކުރަމުންދެއެވެ.
މިއީ ޕިޔާޖޭ(1936)، ހާމަ ކުރާގޮތުގައި ޚާއްޞަގޮތެއްދެވެނީ ކުއްޖާ އުމުރުން ބޮޑުވަމުން
އަންނަވަރަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަވިސްނުން މެދުވެރިކޮށް މައުލުމާތު
ބިނާވާ އުޞޫލެއްގެ މައްޗަށެވެ. މި ފަލްސަފާ އާއި ވަރަށް ބޮޑަށް ގުޅިގެންދާ
ފަލްސަފާއެކެވެ. ދަރިވަރުންނަށް
އުނގަންނައިދިނުމުގެ ތެރެއިން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގެ
ތެރެއިންނާއި މުބާރާތްތަކުގެ ތެރެއިން ބައްދަލުވާ ފަރާތްތަކުން ބޭނުންކުރެވޭ
މަޢުލޫމާތު ސަބަބުން ދަރިވަރަށް ލިބިގެންދާ ކުރިއެރުންތަކާއި ، އުޅުމަށް އަންނަ
ހެޔޮބަދަލުތަކުން ވިސްނުން ކުރިއަރައިގެން
ދެއެވެ. ހަމައެއާއެކު ދަރިވަރު
ކުރިއެރުމުގައި އެހެންމީހުންގެ ފަރާތުން ފެންނަ ރަނގަޅު ނަމޫނާ ތަކާއި
ހިޔާލުތަކުން ކުރިއެރުން ލިބިގެން ދާދިއުން (ވައިގޮޓްސްކީ 1978) ، ހާމަކުރައްވާ އިލްމީ ފަލްސަފާ އާއި ގުޅުން ހުރިކަން ފާހަގަ ކުރަމެވެ.
އުނގަންނައިދިނުމުގައި ބޭނުންކުރެވޭ ދަރިވަރުން ހޯދާކާމިޔާބީ ފާހަގަކުރުމާއި
އިނާމު ދިނުމާއި ، ފެންނަ ރަނގަޅު ސިފަތައް ފާހަގަކޮށް މަދަރުސާގެ އެކިއެކި
ޖަމާޢަތްތަކުގެ އިސްމަޤާމްތަކާއި ، ޕްރިފެކްޓް ބޯޑުގެ މެމްބަރުކަން އަދި ކުލާސް
މޮނީޓަރކަމާއި، ކުދި ގްރޫޕްތަކުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ކުރުވުވުމާއި
، ކެޑޭޓް ،ސްކައުޓް ، ގާލްގައިޑް ފަދަ ހަރަކާތްތަކުގެ މެމްބަރޝިޕް ދިނުމުން
ރަނގަޅު ސްލޫކަށް މަގުފަހިކޮށްދީ ހިތްވަރުދީ ހެދުމުން ހެޔޮބަދަލު އާދެއެވެ.
މިއީ ބީ އެފް ސްކިނަރ (1948)
ހާމަކޮށްފައިވާ މީހުންގެ ކިބައިން ފެންނަ ޝަޢުޤުވެރިކަން ގުޅުވާލެވިފައިވަނީ
ތަރުހީބު ދިނުމާއި ހިތްވަރުދިނުމާ ގުޅޭ
ފަލްސަފާ އާއި ގުޅުން ހާމަކޮށްދޭ ކަންކަމެވެ.
ކުލާސްރޫމުން ނޫނަސް ސްކޫލުގެ މާހައުލުން ވެސް ދަރިވަރުންނަށް ފެންނާނޭހެން
މާއްދާތަކުގެ މުހިއްމު މައުލޫމާތުތަކުގެ ޕޯސްޓަރ ފަދަ ތަކެތި ޑިސްޕްލޭ ކޮށްފައި
ބެހެއްޓުމުން ދަސްކުރާ ލެވެލްމަތިވެގެން ދާކަން ފާހަގަ ކުރަމެވެ. މިގޮތުން ކުލާސް
ރޫމް ގަވާއިދަކީވެސް ދަރިވަރުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން ހެޔޮ ބަދަލުތަކެއް
ދަރިވަރުންގެ ފަރާތުން ފެންނަމުންދިއުމަކީ (އަލްބަޓް ބަންޑޫރާ 1977)
ހާމަކޮށްފައިވާ ކަންތައްތައް ދަސްކުރަނީ އުނގެނެނީ ބަލައިގެން ، ނަކަލުކޮށްގެން،
ނުވަތަ އެހެންމީހުންގެ ތަޖުރިބާތަކުން ބުނާބުނުންތަކުގެ ފަލްސަފާއާއި ގުޅޭގޮތަށް
ގެންދެވޭ އަމިއްލަ ފަލްސަފާއެކެވެ.
އުނގަންނައިދިނުމުގައި
ބޭނުންކޮށް އުޅޭ އުސޫލތަކާއި ގޮތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރު އުޅެ
ބޮޑުވާ މާހައުލުކަމަށްވާ ގޭތެރެއާއި ސުކޫލު އަދި ރަށުތެރެއިން ކުދިންގެ ކިބައިގައި
ހަރުލެއްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ، ޤަބޫލު ކުރުންތަކާއި އެކު ދަރިވަރުގެ
ޝަހުޞިއްޔަތު ބިނާކުރުމަކީ ޕެޑަގޮޖީ ކަމުގައި ބަލައިފައިވެއެވެ. މިއީ އުނގެމުގެ
މަރުހަލާ ކުރިއަށްދާއިރު ގުޅިލާމެހިފައިވާ ބުރުގައި ހިމެނޭ ކިޔަވައިދޭ ފަރާތާއި
ނުވަތަ މުދައްރިސާއި ، އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރާއި ، އުޅެ ބޮޑުވާ
މާހަައުލާއި ، ޖަމާޢަތުގައި ހިމެނޭ ދަރިވަރާއި ގުޅުން ހުރި ފަރާތްތަކާއި ، ދެމެދު
އުފެދިފައިވާ ގުޅުމެވެ. އުނގަންނައިދިނުމުގައި
އަޅުގަނޑުގެ ޕެޑަގޮޖީގައި ބޭނުންކުރެވޭ ގޮތްތަކަކީ އެންމެ ފުރަތަމަ ރަނގަޅު
ސްލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ހެދުމަށް
ދަރިވަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ހެދޭ އުޞޫލު ނުވަތަ ޤަވައިދު ތަކެއްގެ
ތެރޭ ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. ހަމަ އެއާއެކު
އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރު ލުމަކީ މުހިއްމު ކަމެއްކަން
އަނގައިދެވެއެވެ. އުނގަންނައިދިނުން ކުރިއަށް ގެންދިއުމުގައި ދަރިވަރުންގެ ރޯލު
އިތުރުކޮށް ބޭނުންވާ ހާލަތުގައި އެހީތެރި ވެދޭ ފަރާތެއްގެ ގޮތުގައި ފިލާވަޅުތައް ކުރިއަށް
ގެންދެވެއެވެ. އެދެވޭ ގޮތެއްގައި މަސައްކަތްތައް
ކުރިއަށް ދާނަމަ ތަރުޚީބުދީ ، އަދި މަސައްކަތުގައި އެހެން ދަރިވަރުންނަށް
ހިތްވަރުދީގެން ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކުރުމުން ގެންދެވެއެވެ. ހަމަ
އެގޮތަށް ގިނައިން ވިސްނާ ، އަމިއްލަ ހިޔާލުތައް އުފެއްދުމަށްް ފުރުޞަތު ދެވެއެވެ.
އިޖުތިމާޢި ޚަރަކާތްތެރިކަމަކީ އުނގެނުމުގައި ވަރަށް މުހިއްމު އެއް ބައި
ކަމުގައިވާތީ ގުޅިގެން އެއްބާރުލައިގެން އުނގެނުމަށް ގްރޫޕް މަސައްކަތްތައް
ގިނައިން ގެންދެވެއެވެ. ދަރިވަރުން އުނގެނުމަށް ޝަޢުޤު އުފެއްދުމަށްޓަކައި ހޯދާ
ކާމިޔާބީތައް ކުލާސް ފެންވަރުގައި ފާހަގަކުރުމާއެކު ދަރިވަރުން ކުރިއަށް ދިއުމަށް
ކޮށްފައިވާ މަސައްކަތްތައް ދައްކައިގެން އެގޮތަށް ކުރިއަށް ދިއުމަށް
ހިތްވަރުދެވެއެވެ. އުނގެނުމުގައި ދަރިވަރު ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުން
ކުރިއެރުން އަންނަމުންދާވަރު ބެލެނިވެރިންނާއި ހިއްސާކުރެވި އެ ފަރާތްތަކާމެދު
އޮންނަ ގުޅުން ބަދަހިކުރެވެއެވެ.
ޕެޑަގޮޖީގައި ބޭނުންކުރެވޭ ގޮތްތަކަކީ ފުރަތަމަ
ރަނގަޅު ސްލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ
ބަޔަކަށް ދަރިވަރުން ހެދުމެވެ. އަދި ދަރިވަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން
ހެދޭ އުޞޫލު ނުވަތަ ޤަވައިދު ތަކެއްގެ ތެރޭ ހަރަކާތްތެރި ވެވޭނެ ކުދިންނަށް
ހެދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން އަދަބު
އިހުތިރާމްކުރުމާއި ، ތަކެތިވަކިތަރުތީބަކުން ގެންގުޅޭން ދަސްވުމާއެކު އުޅޭތަން
ސާފްތާހިތުކޮށް ބޭއްވުމުގެ އާދަ ހަރުލުމާއެކު ކަންކަމުގައި އެހެންމީހުންގެ
އެހީތެރިކަމަށް ބޭނުންވެ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރެވެއެވެ. މިއީ (ވައިގޮޓްސްކީ 1936)،ގެ ހާމަކުރާ
ކޮންސްޓްރަކްޓިވިޒަމް ތިޔަރީގައި އުނގެނުން މާނަކުރާ ގޮތްތަކާއި އެއްގޮތަށް
ގެންދެވޭ ކަންކަމެވެ. ހަމަމިގޮތަށް ކޮންސްޓްރަކްޓވިޒަމް
ތިޔަރީގެ ތެރެއިން ކުލާސްތެރޭގައި
ގުޅިގެން ކުރެވޭ މަސައްކަތްތައް ގިނަވުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި
އިޖުތިމާޢީ ގުޅުން ވަރުގަދަކުރެވެއެވެެ. ދަރިވަރުންހޯދާ ކާމިޔާބީތައް ފާހަގަކޮށް އިނާމު
ދިނުމާއި ކުރެވޭ ރަނގަޅު މަސައްކަތްތައް އެހެން ކުދިންނަށް ދައްކާ ހެދުމުން ދެވަނަ
ފަހަރަށް އެކަމެއް ތަކުރާރުކޮށްގެން އިނާމު ހޯދުމާއި އިސް މަޤާމްތައް ހޯދުމަށް ބީ
އެފް ސްކިނަރ (1948)، ހާމަކުރާ ޝަޢުޤުވެރިކަމާގުޅޭ ތިޔަރީއާއި
ވަރަށް ބޮޑަށްގުޅިގެން ދާކަން ފާހަގަކުރެވެއެވެ. ކިޔަވައިދިނުމުގައި ދަރިވަރުން ކުރިއަރަމުން ދާ
މިންވަރު ވަޒަންކުރުމުގައި ތަފާތު ފެންވަރުގެ ސުވާލު އުފައްދައިގެން ފެންވަރު
ބެލުމުން ބެންޖާމިން ބްލޫމް (1956) ގެ ތިޔަރީ އިން އިމްތިހާން ކުރެވޭގޮތުން
ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ބާރަކަށް
ވެގެން ދެއެވެ.
އުނގަންނައިދިނުމުގައި އަޅުގަނޑުގެ ތަޢުލީމީ
ފަލްސަފާ އާއި ޕެޑަގޮޖީ ގައި ދަރިވަރުން ބައްޓަން ކުރުމަށް ގެންގުޅޭ އުޞޫލުތަކާއި
ގޮތްތައް ޤައުމީ ފަލްސަފާގައި ކަނޑައަޅާފައިވާ ބައިތަކަށް ކަށަވަރުކުރުމަށް ޤައުމީ މަންހަޖުގައިވާ ކަންކަމާއި ވަރަށް ބޮޑަށް ގުޅިގެން ގޮސްފައިވާކަން
ފާހަގަކުރަމެވެ. ދަރިވަރުންގެ
އުޅުމަށް ހެހޮބަދަލުތަކެއް ގެނައުމާއި (ބިހޭވިއަރަލް ލާރނިންގ ތިޔަރީ) އާއި
ދަރިވަރުން އެކަމެއްގައި ޝާމިލްކޮށްގެން ކަންކަންދަސްކޮށް ދިނުމަށް ބޭނުންކުރެވޭ
ޝަޢުޤުވެރިކަމުގެ ތިޔަރީ (މޯޓިވޭޝަން ތިޔަރީ) އާއި ދަސްކުރާ އެއްޗެއް ފަހުން
ބޭނުންކުރެވޭ ގޮތަށް ހަނދާނުގައި ހަރުލެއްވުމަށް (ކޮގްނެޓިވްލާރނިންގ ތިޔަރީ)އަދިި
އެކަކު އަނެކަކާއި ގުޅިގެން އެއްބާރުލައިގެން ދަސްކުރުމަށް (ސޯޝަލް
ޑިވެލޮޕްމަންޓް ތިޔަރީ) ވަރަށް ބޮޑަށް ވަނީ ގުޅިގެން ގޮސްފައެވެ. މިގޮތުން ޤައުމީ
ފަލްސަފާގައި ބަޔާންކުރާ އިސްލާމްދީނާއި ދިވެހި މުޖުތަމަޢުގައި ހަރަކާތތެރިވާ
ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ޤާބިލިއްޔަތުކަން ލިއްބައިދިނުމަށްޓަކައި
ދަރިވަރުންގެ ވިސްނުންތަރައްގީކޮށް ދުޅަހެޔޮ ކަމާއެކު ތަރައްޤީކޮށްދިނުމުގައި
ކޮންމެ ފިލާވަޅެއްގެ ތެރެއިން މަައުލުމާތާއި ހުނަރު އަދި ސިފައެއް
ދަސްކޮށްދެވުމަކީ ޤައުމީ މަންހަޖުގެ ބައިތަކާއި އަޅުގަނޑުގެ ފަލްސަފާ އާއި
ޕެޑަގޮޖީ ގުޅިގެން ގޮސްފައިވގޮތް ދައްކައިދޭ ކަމެއްގެ ގޮތުގައި ދެކެމެވެ.
ރެފަރެންސް ލިސްޓް
Ø އާމިނަތު ޝާފިޔާ އާދަމް.
(2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސޓަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން
ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.
Subscribe to:
Comments (Atom)
