Monday, April 27, 2015

ތަޢުލިީމީ ފަލްސަފާ އާއި ޕެޑަގޮޖީ އަދި މަންހަޖު


ތަޢުލިީމީ ފަލްސަފާ އާއި ޕެޑަގޮޖީ އަދި މަންހަޖު
މުހައްމަދު އިބުރާހިމް – ފެންފިޔާޒުގެ  ހއ. ހޯރަފުށި
         ތަޢުލީމީ ފަލްސަފާއެއްގައި އުނގަންނައިދިނުން ބިނާވާން ޖެހޭނީ ހަރަކާތްތެރި ތަޖުރިބާތަކެއްގެތެރެއިން ލިބިދޭ އާމަޢުލޫމާތުތައް ބޭނުން ހިފޭނެ ގޮތަކަށެވެ. ހަމައެއާއެކު ކިޔަވައިދޭ މުދައްރިސް ވާންޖެހޭނީ އެއިރެއްގައި ކިޔަވާދޭ ކުލާހުގައި ތިބޭ ދަރިވަރުންގެ ވިސްނުމުގެ މަރުހަލާތައް އެނގިގެން ދަރިވަރުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކޮށް  ހަޤީޤީ ކަންކަމުގެ ތެރެއިން ތަޖުރިބާތައް މެދުވެރިކޮށް ވިސްނުން ކުރިއެރުވުމަށް އެހީވެދޭ މީހެއްގެ ގޮތުގައެވެ. ހަމައެއާއެކު އުނގަންނައިދިނުން ކުރިއެރުވުމަށް ދަރިވަރުން އެކަނި ހައްލުކުރަން ނުވަތަ ކުރިއަށް ދިއުމަށް އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި އެހެންމީހުންގެ އެހީތެރިކަމުގައި ހައްލުކުރެވި ދަސްކުރެވޭނެ ގޮތްތައް މެދުވެރިކޮށްދިނުމާއެކު  އުނދަގޫއެއްޗެއް އޮޅުންފިލުވައިދިނުމުގައި ދަރިވަރުންގެ ވިސްނުމުގެ މިންގަނޑު ހުރިވަރަކަށް  ފިލާވަޅު ބަދަލުކޮށްގެން ކިޔަވައިދޭން ޖެހެއެެވެ. ރަނގަޅު އުނގަންނައިދިނުމެއްގައި ދަރިވަރުންގެ ކިބައިން ފެންނަމުންދާ ރަނގަޅުސިފަތައް ފާހަގަކުރުމާއެކު ދަރިވަރުންގެ ހިތްތަކުގައި އަބަދުވެސް ރަނގަޅު ސިފަތަކުގައި ދެމިތިބުމަށް ތަރުހީބު ދޭންޖެހެއެވެ . އުނގަންނައިދިނުމުގެ ތެރޭގައި ދަރިވަރުން އުޅެ ބޮޑުވާ މާހަލުން ޤަބޫލުކުރާ ކުރުންތަަކާއި ދިނާއި ޘަޤާފަތުގެ ތެރެއިން އަޤީދާ ވަރުގަދަ ދީނީ ކަންތައްތަކަށް އިސްކަންދޭނެ އެކަން ކުރުމަށް ޝަޢުޤުއުފެދިފައިވާ ދަރިވަރުން އުފައްދަން ޖެހެއެވެ. ދަރިވަރުންނަށް އުނގަންނައިދޭ އެއްޗެއް ވަޒަން ކުރުމުގައި އިމްތިޚާނު ތަކުގައި ތަޢުލީމް ދެވޭ ބައިތައް ދަސްވެފައިވާ އެއްޗަކުން އެނގިހުރި މަޢުލޫމާތާއި، ލިބިހުރި ހުނަރަކާއި ، ހަރުލާފައިވާ ސިފަ ވަޒަން ކުރެވިގެން ދާގޮތަށް ބައްޓަން ކުރަންޖެހެއެވެ.
              ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެކަމެއް ކާމިޔާބަކާއި ހަމައަށް ގެންދިއުމަށް ފަންނުވެރިކަމަކާއި ވަކި ހަމަތަކެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވިސްނަންޖެހެއެވެ.  ދަރިވަރުން ބައްޓަންކުރުމުގައި ތަފާތު ކުލަތަކުން ޒީނަތްތެރިކުރަން ޖެހެއެވެ. އެގޮތުން އިލްމީ ފަލްސަފާތަކުގެ ތެރެއިން އަލުގަނޑުމެން ކަނޑައަޅާ ގޮތްތަކެއް އެންމެ އެދެވޭ ގޮތެއްގައި  ބޭނުން ކުރެވިއްޖެނަމަ އެދެވޭ ކުރިއެރުންތަކާއި ކާމިޔާބަކަށް ދަރިވަރުންނަށް ކުރިއެރުން ހޯދައި ދެވޭނެ ކަމަށް ޤަބޫލުކުރަމެވެ. އެގޮތުން ކިޔަވައިދިނުމުގައި އަޅުގަނޑުގެ އަމިއްލަ ތަޢުލީމީ ފަލްސަފާއަށް އަލިއަޅުވާލާނަމެވެ. މިއީ ކިޔަވައިދިނުން ނުވަތަ އުނގަންނައި ދޭއިރު ބޭނުން ކުރާ އަޅުގަނޑުގެ އަމިއްލަ ފަލްސަފާއެވެ.  އުނގަންނައި ދިނުމަށް ޓަކައި ކުރިމަތިލާ އިރު އެތަނެއްގެ ނުވަތަ ތައުލީމް ކުރިއެރުވުމަށް ކަނޑައެޅިފައިވާ ޤަޢުމީ ފަލްސަފާ ތަކަކީ ވަރަށް މުހިއްމު ގޮތެއްގައި އިސްކަން ދީގެން ދަރިވަރުން ކުރިއަރުވާ ތަރުބިއްޔަތު ކުރުމަށް ބޭނުންހިފަން ޖެހޭނެ އެއް ހަތިޔާރެވެ.  އެންމެ ފުރަތަމަ ދަރިވަރުން ވަކިގޮތަކަށް ހާނާ ބައްޓަން ކުރުމަށްޓަކައި ދަރިވަރުންގެ އުޅުން ނުވަތަ ސްލޫކަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ރަނގަޅުގޮތުގައި މުޢާމަލާތް ކުރެވެއެވެ.  ހަމައެއާއެކު ދަރިވަރުންނާ ކުރެވޭ މުޢާމަލާތުގެ ތެރެއިން ދަރިވަރުންގެ އުޅުން ނުވަތަ ހަރުލާފައިވާ ނުރަނގަޅު ސިފަ ތަކުން އެދެވޭ ރަނގަޅު ސިފަތަކަށް ބަދަލުގެނައުމަށް ދަރިވަރުން ޤަބޫލުކުރާ އުޞޫލުތަކެއް ބުނެދެވި އެ އުޞޫލުތައް ބޭނުން ކުރެވެއެވެ.
             ދަރިވަރުންގެ ސްލޫކަށް ރަނގަޅު ހެޔޮބަދަލެއް ގެނެވޭނީ  ދަރިވަރުންގެ ފަރާތުން އެދެވޭ ކަންތައްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ބައެއް ފަހަރަށް އިނާމު ނުވަތަ ހަދިޔާ ފަދަތަކެތި ދެވެއެވެ. ހަމައެއާއެކު ރަނގަޅު ކުރުވަން ޖެހޭ ކަންކަމަށް ނަފްސާނީ ގޮތުން އުނިކަން ނުލިބޭފަދަ ގޮތަކަށް ލުއިއަދަބު ފަދަ ކަންކަން މެދުވެރި ކުރުވަމެވެ. އެގޮތުން ކުޅިވަރު ތަކާއި ދަރިވަރު ކުރާހިތްވާ ބައެއް ކަންތައްތަކުން ބައެއްފަހަރަށް ވަގުތު ކޮޅަކަށް ދުރުކުރުވެއެވެ. މިގޮތަށް ކުރުމުން ދަރިވަރު ބޭނުންވާ ކަމަކަށް ފުރުޞަތު ހޯދުމަށް އެދެވޭ ހެޔޮބަދަލުތަކެއް ގެންނަން މަޖުބޫރުވެއެވެ. މިގޮތުން ދަރިވަރުންގެ ސަމާލުކަން ހޯދާ ޝަޢުޤު ވެރިކުރުވޭނެ ގޮތްތައް ބޭނުންކުރެވެއެވެ. ފުރަތަމަ ކަމަކަށް " ބިހޭވިއަރ ލާރނިންގ ތިޔަރީ " އަދި  "  މޯޓިވޭޝަނަލް ތިޔަރީ " ބޭނުން ކުރެވެއެވެ. އުނގަންނައި ދިނުމުގައި މަސައްކަތްކުރާއިރު ދަރިވަރުންއެކިއެކި ކަންކަން ހޯދާ ބަލައި ވިސްނުންމާއި  ކަންކަން ދަސްކުރުމަށް ފިކުރު ހުންނަގޮތް ދެނެގަތުމާއެކު  ގޮތް " ކޮގްނެޓިވް ލާރނިންގ ތިޔަރީ " ގެ އަލީގައި ބުނެދެވެއެވެ. ހަމަ އެހެންމެ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި  ކޮންމެ ކުއްޖަކީ ތަފާތު ވިސްނުމުގެ ކުއްޖަކަށް ވުމާއެކު އެފަދަ ކުދިން ދެނެގަނެ ކިޔަވައިދިނުމުގެ ގޮތްތައް ރާވަލެވެއެވެ. ފިލާވަޅު ކުރިއަށްގެންދިއުމުގެ ދަރިވަރުން ގުޅިގެން އެއްބާރުލައިގެން ކުރެވޭ މަސައްކަތްތަކެއްގެ ތެރެއިން އުނގަންނައި ދިނުމަށް އިސްކަމެއް ދެވެއެވެ. މިގޮތުން "  ސޯޝަލް ޑިވެލޮޕްމަންޓް ތިޔަރީ "ގެ ބޭނުން ފުރިހަމަ ގޮތެއްގައި ހިފެއެވެ. އެއީ އަމަލީ ގޮތުން ކުރެމޭ މަސައްކަތަކުން ދަސްވާ އެއްޗެއް ގިނަދުވަހަށް ހަނދާނުގައި ހަރުލެއްވިފައި ބެހެއްޓޭނެކަން އެނގޭތީއެވެ. މި ހުރިހާ ފަލްސަފާގެ ތެރެއިން ދަރިވަރުންނަށް އުނގަންނައި ދިނުމުގެ ހުރިހާ މަރުހަލާއެއް ކުރިއަށްގެންދެވެނީ ތަޢުލީމް ދިނުމުގެ މައިގަނޑު ތިންބައި ކަމުގައިވާ މަޢުލުމާތާއި ހުނަރު އަދި ސިފަ އެއް ހަރުލެއްވޭނެ ގޮތުގެ މައްޗަށެވެ. އުނގަންނައިދިނުމުގައި އެންމެ ފުރިހަމަ ގޮތުގައި ފިލާވަޅު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުން ޝަޢުޤުވެރިކަމާއެކު ބައިވެރިވެ ދުވަހުގެ ފިލާވަޅުގެ މަޤްސަދު އެންމެ އެދެވޭ ގޮތެއްގައި ހާޞިލްކުރެވޭނެ ގޮތެއްގެ މަތިންނެވެ.
               އުނގަންނައިދިނުމުގައި ބޭނުންކުރާ ތަޢުލީމީ ފަލްސަފާ އެކަށައަޅައި އޭގައިވާ ބައިތައް ކުރިއަށްގެންދިއުމުގައި އެންމެ މުހިއްމުކަމެއް ދެވިފައިވާނީ އުނގަންނައި ދެވޭ އެއްޗަކުން  ފުރިހަމަ ކާމިޔާބީއަކަށް ވާޞިލް ވުމަށްޓަކައި ރާއްޖޭގެ ތައުލީމީ ޤައުމީ ފަލްސަފާގައި އެކުލެވޭ ބައިތައް ފުރިހަމަކޮށްދިނުމަށެވެ.  އިލްމީ ދިރާސާތަކުގެ އަލީގައި ހޯދިފައިވާ ނަޒަރިއްޔާތުތައް ނުވަތަ ފަލްސަފާތަކުން މައުލޫމާތާއި ހުނަރާއި ސިފަ އެކުލެވޭ ގޮތަށް ބައްޓަންވެފައިވާ ދަރިވަރުންތަކެއް ބިނާކުރުމެވެެ.  އުނގަންނައިދިނުމުގެތެރެއިން ދަރިވަރުންގެ ވިސްނުންރަނގަޅުކުރުމަށް ކުލާސްތެރޭގައި ކުރިއަށްގެންދެވޭ ތަފާތު އެކުޓިވިޓި ތަކާއި ، ހަރަކާތްތަކުގެ ތެރެއިން އުނގެނުމުުގެ ފިލާވަޅުތަކުގައި ކުރިމަތިކުރެވޭ މައްސަލަތަކުގެ ސަބަބުން އެއް ގްރޭޑުން އަނެއް ގްރޭޑަކަށް ބަދަލުވާއިރު ކުރިން ކިޔެވި އެއްޖެއްގެ ބޭނުން ހިފައި ކިޔަވައިދޭ ގްރޭޑްގެ ފެންވަރު މައްޗަށް ދިޔަވަރަކަށް ދަރިވަރުގެ ވިސްނުމުގެ ފެންވަރު ކުރިއަރާ ކުރިން ލިބިފައިހުންނަ މަަޢުލޫމާތުގެ ބޭނުން ހިފައިގެން ނަތީޖާ ޚާޞިލް ކުރަމުންދެއެވެ. މިއީ ޕިޔާޖޭ(1936)، ހާމަ ކުރާގޮތުގައި  ޚާއްޞަގޮތެއްދެވެނީ ކުއްޖާ އުމުރުން ބޮޑުވަމުން އަންނަވަރަކަށް ތަރައްޤީވެ ކުރިއަރަމުން އަންނަވިސްނުން މެދުވެރިކޮށް މައުލުމާތު ބިނާވާ އުޞޫލެއްގެ މައްޗަށެވެ. މި ފަލްސަފާ އާއި ވަރަށް ބޮޑަށް ގުޅިގެންދާ ފަލްސަފާއެކެވެ.  ދަރިވަރުންނަށް އުނގަންނައިދިނުމުގެ ތެރެއިން ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިންނާއި މުބާރާތްތަކުގެ ތެރެއިން ބައްދަލުވާ ފަރާތްތަކުން ބޭނުންކުރެވޭ މަޢުލޫމާތު ސަބަބުން ދަރިވަރަށް ލިބިގެންދާ ކުރިއެރުންތަކާއި ، އުޅުމަށް އަންނަ ހެޔޮބަދަލުތަކުން  ވިސްނުން ކުރިއަރައިގެން ދެއެވެ.  ހަމައެއާއެކު ދަރިވަރު ކުރިއެރުމުގައި އެހެންމީހުންގެ ފަރާތުން ފެންނަ ރަނގަޅު ނަމޫނާ ތަކާއި ހިޔާލުތަކުން ކުރިއެރުން ލިބިގެން ދާދިއުން (ވައިގޮޓްސްކީ 1978) ، ހާމަކުރައްވާ އިލްމީ ފަލްސަފާ އާއި ގުޅުން ހުރިކަން ފާހަގަ ކުރަމެވެ. އުނގަންނައިދިނުމުގައި ބޭނުންކުރެވޭ ދަރިވަރުން ހޯދާކާމިޔާބީ ފާހަގަކުރުމާއި އިނާމު ދިނުމާއި ، ފެންނަ ރަނގަޅު ސިފަތައް ފާހަގަކޮށް މަދަރުސާގެ އެކިއެކި ޖަމާޢަތްތަކުގެ އިސްމަޤާމްތަކާއި ، ޕްރިފެކްޓް ބޯޑުގެ މެމްބަރުކަން އަދި ކުލާސް މޮނީޓަރކަމާއި، ކުދި ގްރޫޕްތަކުގެ ލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ކުރުވުވުމާއި ، ކެޑޭޓް ،ސްކައުޓް ، ގާލްގައިޑް ފަދަ ހަރަކާތްތަކުގެ މެމްބަރޝިޕް ދިނުމުން ރަނގަޅު ސްލޫކަށް މަގުފަހިކޮށްދީ ހިތްވަރުދީ ހެދުމުން ހެޔޮބަދަލު އާދެއެވެ. މިއީ   ބީ އެފް ސްކިނަރ (1948) ހާމަކޮށްފައިވާ މީހުންގެ ކިބައިން ފެންނަ ޝަޢުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުހީބު ދިނުމާއި ހިތްވަރުދިނުމާ  ގުޅޭ ފަލްސަފާ އާއި ގުޅުން ހާމަކޮށްދޭ ކަންކަމެވެ.   ކުލާސްރޫމުން ނޫނަސް ސްކޫލުގެ މާހައުލުން ވެސް ދަރިވަރުންނަށް ފެންނާނޭހެން މާއްދާތަކުގެ މުހިއްމު މައުލޫމާތުތަކުގެ ޕޯސްޓަރ ފަދަ ތަކެތި ޑިސްޕްލޭ ކޮށްފައި ބެހެއްޓުމުން ދަސްކުރާ ލެވެލްމަތިވެގެން ދާކަން ފާހަގަ ކުރަމެވެ. މިގޮތުން ކުލާސް ރޫމް ގަވާއިދަކީވެސް ދަރިވަރުންނަށް ފެންނަ ގޮތަށް ބެހެއްޓުމުން ހެޔޮ ބަދަލުތަކެއް ދަރިވަރުންގެ ފަރާތުން ފެންނަމުންދިއުމަކީ (އަލްބަޓް ބަންޑޫރާ 1977) ހާމަކޮށްފައިވާ ކަންތައްތައް ދަސްކުރަނީ އުނގެނެނީ ބަލައިގެން ، ނަކަލުކޮށްގެން، ނުވަތަ އެހެންމީހުންގެ ތަޖުރިބާތަކުން ބުނާބުނުންތަކުގެ ފަލްސަފާއާއި ގުޅޭގޮތަށް ގެންދެވޭ އަމިއްލަ ފަލްސަފާއެކެވެ.
                 އުނގަންނައިދިނުމުގައި ބޭނުންކޮށް އުޅޭ އުސޫލތަކާއި ގޮތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރު އުޅެ ބޮޑުވާ މާހައުލުކަމަށްވާ ގޭތެރެއާއި ސުކޫލު އަދި ރަށުތެރެއިން ކުދިންގެ ކިބައިގައި ހަރުލެއްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ، ޤަބޫލު ކުރުންތަކާއި އެކު ދަރިވަރުގެ ޝަހުޞިއްޔަތު ބިނާކުރުމަކީ ޕެޑަގޮޖީ ކަމުގައި ބަލައިފައިވެއެވެ. މިއީ އުނގެމުގެ މަރުހަލާ ކުރިއަށްދާއިރު ގުޅިލާމެހިފައިވާ ބުރުގައި ހިމެނޭ ކިޔަވައިދޭ ފަރާތާއި ނުވަތަ މުދައްރިސާއި ، އުނގެނުމަށް މަސައްކަތް ކުރާ ދަރިވަރާއި ، އުޅެ ބޮޑުވާ މާހަައުލާއި ، ޖަމާޢަތުގައި ހިމެނޭ ދަރިވަރާއި ގުޅުން ހުރި ފަރާތްތަކާއި ، ދެމެދު އުފެދިފައިވާ ގުޅުމެވެ.  އުނގަންނައިދިނުމުގައި އަޅުގަނޑުގެ ޕެޑަގޮޖީގައި ބޭނުންކުރެވޭ ގޮތްތަކަކީ އެންމެ ފުރަތަމަ ރަނގަޅު ސްލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް ހެދުމަށް ދަރިވަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ހެދޭ އުޞޫލު ނުވަތަ ޤަވައިދު ތަކެއްގެ ތެރޭ ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. ހަމަ އެއާއެކު އެކަކު އަނެކަކުގެ އެހީތެރިކަމާއި އެއްބާރު ލުމަކީ މުހިއްމު ކަމެއްކަން އަނގައިދެވެއެވެ. އުނގަންނައިދިނުން ކުރިއަށް ގެންދިއުމުގައި ދަރިވަރުންގެ ރޯލު އިތުރުކޮށް ބޭނުންވާ ހާލަތުގައި އެހީތެރި ވެދޭ ފަރާތެއްގެ  ގޮތުގައި ފިލާވަޅުތައް ކުރިއަށް ގެންދެވެއެވެ.  އެދެވޭ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ދާނަމަ ތަރުޚީބުދީ ، އަދި މަސައްކަތުގައި އެހެން ދަރިވަރުންނަށް ހިތްވަރުދީގެން ދުވަހުގެ މަސައްކަތްތައް ފުރިހަމަ ކުރުމުން ގެންދެވެއެވެ. ހަމަ އެގޮތަށް ގިނައިން ވިސްނާ ، އަމިއްލަ ހިޔާލުތައް އުފެއްދުމަށްް ފުރުޞަތު ދެވެއެވެ. އިޖުތިމާޢި ޚަރަކާތްތެރިކަމަކީ އުނގެނުމުގައި ވަރަށް މުހިއްމު އެއް ބައި ކަމުގައިވާތީ ގުޅިގެން އެއްބާރުލައިގެން އުނގެނުމަށް ގްރޫޕް މަސައްކަތްތައް ގިނައިން ގެންދެވެއެވެ. ދަރިވަރުން އުނގެނުމަށް ޝަޢުޤު އުފެއްދުމަށްޓަކައި ހޯދާ ކާމިޔާބީތައް ކުލާސް ފެންވަރުގައި ފާހަގަކުރުމާއެކު ދަރިވަރުން ކުރިއަށް ދިއުމަށް ކޮށްފައިވާ މަސައްކަތްތައް ދައްކައިގެން އެގޮތަށް ކުރިއަށް ދިއުމަށް ހިތްވަރުދެވެއެވެ. އުނގެނުމުގައި ދަރިވަރު ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުން ކުރިއެރުން އަންނަމުންދާވަރު ބެލެނިވެރިންނާއި ހިއްސާކުރެވި އެ ފަރާތްތަކާމެދު އޮންނަ ގުޅުން ބަދަހިކުރެވެއެވެ.
               ޕެޑަގޮޖީގައި ބޭނުންކުރެވޭ ގޮތްތަކަކީ ފުރަތަމަ ރަނގަޅު ސްލޫކެއް ނުވަތަ ގަވައިދުތަކެއްގެ ތެރޭގައި ހަރަކާތްތެރިވެވޭ ފަދަ ބަޔަކަށް  ދަރިވަރުން ހެދުމެވެ. އަދި  ދަރިވަރުންގެ ހިޔާލާއި މަޝްވަރާގެ ތެރެއިން ހެދޭ އުޞޫލު ނުވަތަ ޤަވައިދު ތަކެއްގެ ތެރޭ ހަރަކާތްތެރި ވެވޭނެ ކުދިންނަށް ހެދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން އަދަބު އިހުތިރާމްކުރުމާއި ، ތަކެތިވަކިތަރުތީބަކުން ގެންގުޅޭން ދަސްވުމާއެކު އުޅޭތަން ސާފްތާހިތުކޮށް ބޭއްވުމުގެ އާދަ ހަރުލުމާއެކު ކަންކަމުގައި އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެ ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރެވެއެވެ.  މިއީ (ވައިގޮޓްސްކީ 1936)،ގެ ހާމަކުރާ ކޮންސްޓްރަކްޓިވިޒަމް ތިޔަރީގައި އުނގެނުން މާނަކުރާ ގޮތްތަކާއި އެއްގޮތަށް ގެންދެވޭ ކަންކަމެވެ.  ހަމަމިގޮތަށް ކޮންސްޓްރަކްޓވިޒަމް ތިޔަރީގެ ތެރެއިން  ކުލާސްތެރޭގައި ގުޅިގެން ކުރެވޭ މަސައްކަތްތައް ގިނަވުމުގެ ސަބަބުން ދަރިވަރުންގެ މެދުގައި އިޖުތިމާޢީ ގުޅުން ވަރުގަދަކުރެވެއެވެެ.   ދަރިވަރުންހޯދާ ކާމިޔާބީތައް ފާހަގަކޮށް އިނާމު ދިނުމާއި ކުރެވޭ ރަނގަޅު މަސައްކަތްތައް އެހެން ކުދިންނަށް ދައްކާ ހެދުމުން ދެވަނަ ފަހަރަށް އެކަމެއް ތަކުރާރުކޮށްގެން އިނާމު ހޯދުމާއި އިސް މަޤާމްތައް ހޯދުމަށް ބީ އެފް ސްކިނަރ (1948)، ހާމަކުރާ ޝަޢުޤުވެރިކަމާގުޅޭ ތިޔަރީއާއި ވަރަށް ބޮޑަށްގުޅިގެން ދާކަން ފާހަގަކުރެވެއެވެ.  ކިޔަވައިދިނުމުގައި ދަރިވަރުން ކުރިއަރަމުން ދާ މިންވަރު ވަޒަންކުރުމުގައި ތަފާތު ފެންވަރުގެ ސުވާލު އުފައްދައިގެން ފެންވަރު ބެލުމުން ބެންޖާމިން ބްލޫމް (1956) ގެ ތިޔަރީ އިން އިމްތިހާން ކުރެވޭގޮތުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ބާރަކަށް ވެގެން ދެއެވެ.
          
                   އުނގަންނައިދިނުމުގައި އަޅުގަނޑުގެ ތަޢުލީމީ ފަލްސަފާ އާއި ޕެޑަގޮޖީ ގައި ދަރިވަރުން ބައްޓަން ކުރުމަށް ގެންގުޅޭ އުޞޫލުތަކާއި ގޮތްތައް ޤައުމީ ފަލްސަފާގައި ކަނޑައަޅާފައިވާ ބައިތަކަށް ކަށަވަރުކުރުމަށް   ޤައުމީ މަންހަޖުގައިވާ ކަންކަމާއި  ވަރަށް ބޮޑަށް ގުޅިގެން ގޮސްފައިވާކަން ފާހަގަކުރަމެވެ.       ދަރިވަރުންގެ އުޅުމަށް ހެހޮބަދަލުތަކެއް ގެނައުމާއި (ބިހޭވިއަރަލް ލާރނިންގ ތިޔަރީ) އާއި ދަރިވަރުން އެކަމެއްގައި ޝާމިލްކޮށްގެން ކަންކަންދަސްކޮށް ދިނުމަށް ބޭނުންކުރެވޭ ޝަޢުޤުވެރިކަމުގެ ތިޔަރީ (މޯޓިވޭޝަން ތިޔަރީ) އާއި ދަސްކުރާ އެއްޗެއް ފަހުން ބޭނުންކުރެވޭ ގޮތަށް ހަނދާނުގައި ހަރުލެއްވުމަށް (ކޮގްނެޓިވްލާރނިންގ ތިޔަރީ)އަދިި އެކަކު އަނެކަކާއި ގުޅިގެން އެއްބާރުލައިގެން ދަސްކުރުމަށް (ސޯޝަލް ޑިވެލޮޕްމަންޓް ތިޔަރީ) ވަރަށް ބޮޑަށް ވަނީ ގުޅިގެން ގޮސްފައެވެ. މިގޮތުން ޤައުމީ ފަލްސަފާގައި ބަޔާންކުރާ އިސްލާމްދީނާއި ދިވެހި މުޖުތަމަޢުގައި ހަރަކާތތެރިވާ ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ޤާބިލިއްޔަތުކަން ލިއްބައިދިނުމަށްޓަކައި ދަރިވަރުންގެ ވިސްނުންތަރައްގީކޮށް ދުޅަހެޔޮ ކަމާއެކު ތަރައްޤީކޮށްދިނުމުގައި ކޮންމެ ފިލާވަޅެއްގެ ތެރެއިން މަައުލުމާތާއި ހުނަރު އަދި ސިފައެއް ދަސްކޮށްދެވުމަކީ ޤައުމީ މަންހަޖުގެ ބައިތަކާއި އަޅުގަނޑުގެ ފަލްސަފާ އާއި ޕެޑަގޮޖީ ގުޅިގެން ގޮސްފައިވގޮތް ދައްކައިދޭ ކަމެއްގެ ގޮތުގައި ދެކެމެވެ.


ރެފަރެންސް ލިސްޓް

Ø     އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް ސައިކޮލޮޖީ، ސޓަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ.

No comments:

Post a Comment