އުނގަންނައި ދިނުމުގައި ދަރިވަރަށް އިސްކަންދޭ (ސްޓޫޑެންޓް-ސެންޓާރޑް) ލާރނިންގ
ތިޔަރީއަށް ބަރޯސާވުން
މުހައްމަދު އިބުރާހިމް – ފެންފިޔާޒުގެ ހއ. ހޯރަފުށި
ކިޔަވައިދިނުމުގައި ނުވަތަ ކިޔަވައި ދިނުމަށް
ކުލާހަކަށް ވަންނަވާ މުދައްރިސްއަކީ ކިތަށްމެ މޮޅަށް ތަޢުލީމު ލިބިފައިވާ
މީހަކަށްވިޔަސް ކިޔަވައިދިނުމުގައި ދަރިވަރުން ބައިވެރިކޮށްގެން
އުނގަންނައިދިނުމުގެ ހުނަރު ލިބިފައި
ހުރުމަކީ ވަރަށްވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްގެ ގޮތުގައި އެނގިގެން
ހިނގައްޖެއެވެ. ކިޔަވައި ދިނުމަށް
ކުލާހަށް ދުރުވާ މުދައްރިސަކަށް ލިބިފައިވާ ޢިލްމާއި ހުނަރަކީ ވަކި ދެ ކަމެއް
ކަމުގައިވިޔަސް އެއްބައި އަނެއްބައި ވަނީ ގުޅިލާމެހިފައެވެ. މޮޅު ޢިލްމެއް
ލިބިފައި ހުރި ކަމުގައި ވިޔަސް ހުނަރުވެރިކަމާއެކު ތިޔަރިސްޓުންގެ މެތަޑުތައްތައް
ބޭނުންކުރަން އެނގުމަކީ އުނގަންނައިދިނުން ކާމިޔާބު ކަމާއެކު
ކުރިއަށްގެންދިއުމަށްް ލިބޭ ވަރަށްބޮޑު ބާރެއްކަން ޔަޤީނާ ގާތަށް އެނގިގެން ވަނީ
ގޮސްފައެވެ. މުދައްރިސްކަން ނުވަތަ
އުނގަނައި ދިނުމުގެ ތެރެއިން މިދެންނެވި އިލްމާއި ހުނަރުބޭނުންކޮށްގެން ދަރިވަރުން
އަމިއްލައަށް ކަންކަން ހޯދައިބަލައި ދަސްކުރެވޭނެ މަގު ފަހިކޮށްދޭން ޖެހެއެވެ. ގްލޭސަރ
(1984)،ގެ ކޮންޓްރޯލް ތިއަރީގައިވާ ފަދައިން އިސްވެ ހުށަހެޅުނު ކަންކަމުން، ކުދިންގެ
ލޯބި ޙާސިލް ކުރެވޭނެ އެވެ. ކުދިން ކޮންޓްރޯލް ކުރެވޭނެ އެވެ. އަދި އެކުދިންގެ
އަސާސީ ބޭނުންތައް އެކުދިންނަށް މިނިވަން ކަމާއިއެކު ހޯދޭނެ މަގު ފައިވާނެ އެވެ.
ވުމާއެކު، ސްލޫކީ މައްސަލަތައް ރަގަޅު ކުރެވޭނެ މާހައުލެއް ޤާއިމްކުރެވިގެން ދާނެ
އެވެ. މިގޮތުން އަމިއްލައަށް އުނގެނި
ދަސްކުރުމަށް ފުރުޞަތު ހޯދައިދިނުމަކީ ކިޔަވައިދިނުމުގެ މައިދާނުގައި ހަރުދަނާ
ކަމާއެކީ ފައިތިލަސާބިތު ކޮށްގެން ތިމާ
ކުރާކަމަކުން ހިތްހަމަޖެހުން އަމިއްލައަށް ވަޒަންކުރުމަށް ލިބިގެންދާ ވަރަށްބޮޑު
ހިތްވަރަކަށް ވެގެން ދެއެވެ. މިގޮތުން ކިޔަވައިދިނުން ކާމިޔާބު ކުރުމަށްޓަކައި
ދަރިވަރުން ބައިވެރިކޮށްގެން ( ސްޓޫޑެންޓް ސެންޓާރޑް ލާރނިންގ) މި ތިޔަރީ
ކިޔަވއިދިނުމުގައި ކުރިއަށް ގެންދެވޭނީ ޕިޔާޖޭ
ތިޔަރީގައި ބުނެފައިވާ ފަދައިން ވަށައިގެންވާ މާހައުލުގައި ގުޅި ލާމެހިފައިވާ
އެކަތި އަނެކަތި ގުޅުވާ ލައިގެންނެވެ. އެގޮތުން ޅިގެން ދަރިވަރުން އަމިއްލަ އަށް ލިޔަން
ހަވާލުކުރުމުގެ ކުރިން ވަކި މަޢުޟޫއަކަށް ހޯދާ މަޢުލޫމާތުތައް އެއް ޕެރެގްރާފުން
އަނެއް ޕެރެގްރާފަކަށް ގުޅުވައިގެން ކުރިއަށް ގެންދާނެ ގޮތާއި ، އޮނިގަނޑު ތަރުތީބުކުރުމާއި ، ޚިޔާލު ތަރައްޤީ ކުރުމުގެ ވިސްނުމަށް ބާރުއެޅޭފަދަ
ގޮތަކަށް ދަރިވަރުން އަމިއްލައަށް ކުރާ ކަމެއްގެ ގޮތުގައި މަސައްކަތް ހަވާލު
ކުރެވިދާނެއެވެ. ދަރިވަރުން ކުރާކަމެއްގެ
ގޮތުގައި ކުރުމަށް ހާވާލު ކުރާނީ "
ސްޓޫޑެންޓް ސެންޓާރޑްލަރނިންގ" ބޭނުންކޮށްގެން ފިޅާވަޅު ކުރިއަށް ގެންދާ ގޮތަށެވެ. އެހެންކަމުން މި ފަދަ ފިލާވަޅެއް
ކުރިއަށްގެންދިއުމުގައި މަސައްކަތް ހަވާލުކުރުމުގެ ކުރިން ކުލާހުގައި ތިބޭ
ދަރިވަރުންގެ އަދަދަށް ބަހާލައިގެން ކުރިއަށް ގެންދެވިދާނެއެވެ. އެއަށްފަހު
މިގޮތަށް ފިލާވަޅު ކުރިއަށް ގެންދާނީ ދަރިވަރުން އަމިއްލައަށް އުނގެނުމަށްޓަކައި
މަސައްކަތް ކުރިއަށް ގެންދަންވީ ގޮތުގެ އޮނިގަނޑެއް ރާވާދީ ނުވަތަ ކުރިއަށް
ގެންދަންވީ އުޞޫލެއް އަންގައިދިނުމަށް ފަހު ޝައުޣުވެރި މާހައުލެއް އުފައްދަން
ޖެހެއެވެ.
ކިޔަވައިދިނުމުގައި އެދުވަހެއްގެ ފިލާވަޅު އަންގައިދިީ ކާމިޔާބު
ފިލާވަޅަކަށް ހެދުމަށްޓަކައި ދަރިވަރަށް އިސްކަންދޭ ގޮތަށް އުނގެނުން ފަހި
މާހައުލެއް މިހާރު އުފައްދަން ޖެހެއެވެ. މިގޮތުން ދަރިވަރުން ފިލާވަޅުގައި
ބައިވެރިވުން ނުލިބި އެއްވެސް ދަރިވަރެއް ބާކީނުވާނެގޮތަކަށް ފިލާވަޅުތައް ބައްޓަންކުރަން ޖެހެއެވެ.
މިގޮތުން ދަރިވަރުންނަށް އިސްކަންދެވޭގޮތަށް ގެންދެވިދާނެ ތަފާތު ހާލަތްތައް
ނުހަނު ގިނައެވެ. އެގޮތުން ކިޔަވައިދިނުމުގައި މައްސަލަ ހައްލުކުރުމާއި، އައު
މައުލޫމާތު ހޯދާ ލިބިގަތުމާއި، ލިބުނު މަޢުލޫމާތު ބޭނުންކޮށްގެން ނަތީޖާ ކަނޑައެޅުމާއި، ގޮތެއް
ކަނޑައެޅުމުގެ މައްޗަށް ކުރިއަށް ގެންދެވޭ ކޮންމެ ފިލާވަޅަކީ ދަރިވަރުންނަށް
ނުހަނު ފައިދާ ކުރަނިވި ގޮތަކަށް ގެންދިއުމަށް މެދުވެރި ކުރުވިދާނެ
ގޮތްތަކެވެ. މިހާރު އުނގަންނައިދޭ
އެއްޗެއް ދަރިވަރުންގެ ހިތްތަކުގައި ގިނަދުވަހަށް ހަރުލާ ބެހެއްޓުމަށްޓަކައި،
އަމަލީގޮތުން ދަސްކޮށް އެކަމުގެ ބޭނުން ފަހުން ހިފަންޖެހޭގޮތަށް ކަންތައްތައް
ދަސްކޮށްދެވޭ ފިލާވަޅުތަކެއް ކަމުގައި ހަދަން ޖެހެއެވެ. ވިލިއަމް ގްލޭސަރ
(1984)، ކުދިންގެ ނޭދެވޭ ޢަމަލްތައް ރަގަޅު ކުރުމަށް ބުނެފައިވާ ބުނުމުގައި
ފާހަގަކޮށްފައިވާ ފަދައިން ކުދިންގެ ބޭނުންތައް ނުފުދޭނަމަ ކުދިން ސްކޫލުގައި
މައްސަލަތައް އުފައްދަ އެވެ. އެހެންކަމުން ޓީޗަރުންގެ ދައުރަކީ މިފަދަ ކުދިންގެ
ބޭނުންތައް ރަގަޅުގޮތުގައި ފުއްދުމަށް އެހީތެރިވެދިނުމެވެ.
ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުގައި ކޫނިން ގެ ހޯދުން
ތަކުން ހާމަކުރާ " ބިހޭވިއަރަލް ލާރނިންގ ތިޔަރީ "
އަކީވެސް ފިލާވަޅުގެ ތެރެއިން ދަރިވަރުގެ ސުލޫކު ވަކި ގޮތަކަށް ބައްޓަންކުރުމަށް
ޓީޗަރަށް ލިބިދޭ ވަރަށް ބޮޑު ބާރެކެވެ. މިގޮތުން ލިޔުންތެރިކަން ނުވަތަ
ދަސްކުރުމުގެ ތެރެއިން ފިޅާވަޅެއް ކުރިއަށް ގެންދާއިރު ޕިއާޖޭގެ
ތިޔަރީގައިވާ ފަދައިން ކުރިން އެނގިފައިވާ ނުވަތަ ދަސްވެފައިވާ މައުލޫމާތުތައް އާ
ކަންތައް ތަކާއި ގުޅުވުމަށް އެހީތެރިވެދީ ، ދަރިވަރުންނަށް މެދުވެރިކުރުވާ ސުވާލުތަކަށް ދެވޭ
ޖަވާބު ރަނގަޅަކަސް އަދި ނުރަނގަޅަކަސް ، ދަރިވަރު އަމިއްލަ އަށް އުފައްދައިގެން
ދޭ ޖަވާބު އަދި ކުރާ މަސައްކަތް
ފުރިހަމަކުރުމަށް އަމިއްލަ ޚިޔާލާއި ، އާދަޔާ ޚިލާފު ޚިޔާލުތައް ބަލައިގަންނަކަން
ހާމަކޮށްދެވިދާނެއެވެ. ތަރުހީބުދީ ، ހިތްވަރުދީގެން ދެވަނަ ފަހަރަށް ކަމެއްކުރުވުމަށް
ބާރުދީގެން ކުރިއަށް ގެންދެވިދާނެއެވެ.
ދަރިވަރުންނާއި ސުވާލެއް ކުރުމަށް ފަހު ވަގުތުން ޖަވާބު ހޯދަން ނޫޅެ
އެސުވާލުގެ ޖަވާބު ދިނުމަށް ވިސްނާލުމަށް ވަގުތު ކޮޅެއް ދެވިދާނެއެވެ . އޭރުން
އަމިއްލަ ނަފުސަށް ކުރެވޭ އިތުބާރު ބޮޑުވެގެން ދެއެވެ.
މިގޮތުން ޕިއާޖޭގެ ތިޔަރީގެ އަލީގައި
ކިޔަވައިދީފި ނަމަ އެ ފިލާވަޅު ތަފާތު ބަދަލުތަކާއެކު ދަރިވަރުން ޝަޢުޤުވެރިވާ
ގޮތަށް ކުރިއަށް ގެންދެވިދާނެ ކަން އެނގެއެވެ.
މިގޮތުން ގެންދެވޭ ފިލާވަޅުތަކުގައި ހިމަނާލެވޭ ތަފާތު
ބަދަލުތަކުގެސަބަބުން ކުލާސްތަކުގައި ތިބޭ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރި
ވުމުގެ ފުރުޞަތު ލިބި އުނގެނުމަށް ފަހި މާހައުލެއް އުފެދިގެން ދެއެވެ.
ހަމައެއާއެކު ދަރިވަރުންގެ އުނގެނުމަށް ފަހިކުރިއެރުން ތަކެއް އަންނަމުން
ދެއެވެ. މިއީ ކުލާސްރޫމްގައި
ކިޔަވައިދިނުމަށް ވަރަށް ބޮޑަށް ބޭނުންވެ
ހަރުދަނާ ކަމާއެކީ ކުރިއަށް ގެންދަން ބޭނުންވެ ޕްރެކްޓިސް ކުރެވެމުންދާ
މެތަޑުތަކެވެ.
މީގެ ކުރިން ކިޔަވައިދިނުމާ ގުޅޭ
މަޝްވަރާތަކުގައި ދެކެވޭ އެއް
ވާހަކައަކީ ދަރިވަރުން ފިލާވަޅުތަކުގައި
ބައިވެރިވުމަށް ޝަޢުޤު ނުހުންނަ ވާހަކަތަކެވެ. ކިޔަވައިދީ ނިންމާލުމަށްފަހު ފިލާވަޅުތައް ކާމިޔާބުކަމާއެކު ކުރިއަށް
ނުގެންދެވޭ ކަމުގެ ޝަކުވާތައް ކުރެވެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިހާރު ކިޔަވައިދޭ ދިނުމުގައި ދަރިވަރުންގެ ނަތީޖާ އެއްދުވަހުން
އަނެއްދުވަހަށް ކުރިއަރައިގެން ދާތަން ފެންނަން ފަަށައިފިއެވެ. މިގޮތަށް ކުރިއަށް
ދިއުމަށް ބާރުވެރިކުރުވި އެއް ތިޔަރީއަކީ ޖޭން
ޕިޔާޖޭ އާއި ވައިގޮޓްސްކޯ ގެ " ކޮންސްޓްރަކްޓިވިސްޓް ތިޔަރީ "
އެވެ . އެ ތިޔަރީގެ ސަބަބުންވެސް ދަރިވަރުންގެ އުނގެނުން ފަހި ކުރުމުގައި ވަރަށް
މުހިއްމު ދައުރެއް އަދާކުރެއެވެ. ޕިއާޖޭގެ
ތިޔަރީގައި ބުނެފައިވާ ގޮތުން ދަރިވަރުން އުނގެނެންޖެހެނީ ހަރަކާތްތެރި
ތަޖްރިބާތަކެއްގެ ތެރެއިން ކަމަށް ވުމާއެކު
ދަރިވަރުންގެ މެދުގައިި ވާދަވެރި ރޫޚެއްގައި މަސައްކަތް ކުރުމުގެ
ޝަޢުޤުވެރިކަމެއް އުފެދި ހިތްހަމަޖެހޭ ނަތީޖާ ތަކެއް ދަރިވަރުންގެ ކިބައިން
ފެންނަމުން ދެއެވެ. އެގޮތުން " ތިޔަރީސް އޮފް މޯޓިވޭޝަން " އަށް
ކިޔަވައިދެވޭއިރު ދަރިވަރުންނަށް
ހަވާލުކުރެވޭ މަސައްކަތްތައް އެއީ ހަޤީޤީ ކަމަކާއި ގުޅުވައިގެން ކުރެވޭ ކަމަކަށް
ވާނަމަ މިހާރަށް ވުރެ ބޮޑަށް ހިތްތަކުގައި ޝަޢުޤު އުފެދިގެން ދެއެވެ. މިިއީ
ދަރިވަރުން އެންމެ ބޭނުންވާ ވަޤުތު
އެހެންމީހުންގެ އެހީ ނުލިބި އަމިއްލައަށް ތަޖުރިބާ ކޮށްގެން ޖަވާބު ހޯދުމަށް ކޮށާލެވޭ މަގެއް ނުވަތަ
ހުޅުވައިދެވޭ ދޮރަކަށް ވެގެންދެއެވެ.
އަދި ލިޔުންތެރިކަމާއި އުފެއްދުންތެރިކަން ކުރިއަރައިދާނެ ކަމަކަށްވެސް
ވެއެވެ. މަޢުލޫމާތުތަކުން ލިބިދޭ ތަޖުރިބާ ބޭނުންކޮށްގެން މަސައްކަތް ކުރިއަށް
ގެންދިއުމުގެ ފުރުޞަތަކަށް ވެގެން ދެއެވެ.
މިގޮތަށް ކުރިއަށް ގެންދާއިރު ޕިއާޖޭގެ ތިޔަރީގައި ފާހަގަކުރާ
ދަރިވަރުން ވިސްނުން ތަރައްޤީކުރެވޭ އެއް އުކުޅަކީ އިޖުތިމާޢީ ގޮތުން ދަރިވަރުން
ވިސްނުން ކުރިއެރުވުމެވެެ. ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުމުގައި
ފިލާވަޅުތަކުގައި ހަދާލެވޭ ދަރިވަރުން ގްރޫޕް ތަކުގައި މަސައްކަތް ކުރަމުން ދާގޮތްބަލައި
އެކި ގްރޫޕްތަކުގެ މަސައްކަތްތައް ފާހަގަކޮށް އެދަރިވަރުންނަށް ހިތްވަރުދިނުމަކީ
ވެސް މަސައްކަތްކުރުމުގެ ޝައުވެރިކަން ދެމެހެއްޓި އަދި އެކަމެއް ކުރާހިތުން
ކުރިއަށްގެންދިއުމަށް އެޅޭ ވަރަށް ބޮޑުބާރެކެވެ.
ގްރޫޕް ތަކުގެ މަސައްކަތްތަކުން އެންމެ ރަނގަޅު މަސައްކަތްތައް އެހެން
ގްރޫޕްތަކަށް ދައްކައިގެން މަސައްކަތުގެ ފޯރި ހިފެހެއްޓުމަށް މުދައްރިސުން ވަރަށް
ބޮޑަށް ވިސްނައިގެން ތަފާތު އުކުޅުގެ ބޭނުން ހިފަންޖެހެއެވެ. އުނގަންނައި
ދިނުމުގައި ބިހޭވިއަރަލް ތިއަރީ އާއި، މޯޓިވޭޝަން ތިއަރީ އާއި،
ކޮންސްޓްރަކްޓިވިޒަމް ތިއަރީ އަދި ސޯޝިއަލް ކޮގްނެޓިވް
ތިއަރީގެ ބޭނުން އެކަށޭނަ ޙާލަތުގައި ހިފިދާނެ ކަމުގައި އާމިނަތު ޝާފިޔާ އާދަމް
(2011)، ބަޔާންކުރައްވާފައިވެ އެވެ. އެއިރުން ވަރަށްބޮޑަށް ދަރިވަރުން ކަންކަމުގައި ޝާމިލްވެގެން ކުލާސްތެރޭގެ އުނގެނުމުގެ މާހައުލު ބަދަލުކޮށްލުމަށްް ވަރަށް ބޮޑަށް
މަގުފަހިވެގެން ދާނެ އެވެ.
ވައިގޮޓްސްކީ ގެ
ފާހަގަކުރާ ގޮތުންނަމަ ދަރިވަރުގެ ވިސްނުން ތަރައްޤީ ކުރެވޭނީ ކުރީގެ ވިސްނުމާ
ގުޅުވާލައިގެން ކަމަށް ވާތީ ،ދަރިވަރުން ކުލާސްރޫމުގައި އަދި ކުލާސްރޫމުން
ބޭރުގައިވެސް އުނގެނުމަކީ އެ ދަރިވަރެއްގެ ޒިންމާއެއް ކަމުގައި ދެކި ކިޔަވަނީ ދަރިވަރު ކުރާކަމަކަށް ވާތީ ފިލާވަޅު ކުރިއަށް ގެންދިއުމުގެ މަރުހަލާގައި
ދަރިވަރުންގެ ފުރިހަމަ ބައިވެރިވުން ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި
ބަލައިި އެގޮތަށް ހުރިހާ ފަރާތް ތަކަކުން ދަނީ ޕްރެކްޓިސް ކުރަމުންނެވެ. ގްރޫޕް މަސައްކަތްފަދަ މަސައްކަތްތައް
ނިންމާލުމުން މަސައްކަތް ކުރިއަށް ގެންދިއުމުގައި އެންމެ އުނދަގޫވި ނުވަތަ ލިބުނު
މަޢުލޫމާތުން މަސައްކަތަށް ލިބުނު ކުރިއެރުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް
ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދެވިފައި އޮންނަށް ޖެހެއެވެ. މިގޮތުން ކުރިއަށްގެންދއުމުގައި އެއްކަމެއްގައި
މާގިނަ ވަގުތު ދެވިއްޖެ ނަމަ މަސައްކަތަށް ދަރިވަރުން ފޫހިވުމަކީ އެކަށީގެންވާ
ކަމަކަށް ވަތީ އެކި މަސައްކަތްތައް ކުރިއަށްގެންގޮސް ނިންމާލުމަށް ވަގުތު
ކަނޑައަޅައިގެން މަސައްކަތް ރާވާލަން ޖެހެއެވެ. ހަމައެއާއެކު ފިލާވަޅުގައި ވައިގޮޓްސްކީގެ "
ސްކެފޯލްޑިންގ " (އުނގަންނައި ދެމުން ދާއިރު އުނދަގޫ އެއްޗެއް އޮޅުން
ފިލުވައިދޭ ނަމަ އެހީތެރިވެދޭ ލެވެލް ބަދަލު ކުރުމުން ކުދިންގެ ވިސްނުމާއި ،
ދޭހަވާ މިންވަރުގެ ލެވެލަކަށް ބަދަލު ކުރުން ) މިއީ ވަރަށް މުހިއްމު ބޭނުންތެރި
ކަމެކެވެ. ގިނަފަހަރަށް ކިޔަވައި ދިނުމުގައި މިފަދަ ބަދަލުތައް ގެނެވިފައި
ނުވާތީ ދަރިވަރުންނަށް ރަނގަޅު ނަތީޖާ
އެއް ލިބިގަތުމަށް އުދަގުވެއެެވެ. ކިޔަވައިދިނުމަށް ރާވާލެވިގެންދާ ފިލާވާޅު
އެހެން ގޮތަކަށް ބަދަލުކުރަން ގިނަފަހަރަށް ދަތިވެއެވެ. ދަރިވަރުންގެ ވިސްނުމުގެ
ލެވެލްއަށްވުރެ މަތީ ބަސްކޮށާރު ބޭނުން ނުކޮށް އުމުރާއި ހާލަތާއި ގުލޭގޮތަށް
ކިޔަވައިދެވޭ ނަމަ ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ވެއެވެ. މިކަމުގެ އެންމެބޮޑު ހިތްހަމަ ޖެހުމަކީ ކަމުގެ ތަމްރީން ލިބި އަމިއްލަ މަސައްކަތުން ބަލައި ހޯދާ ވިސްނާ
ފިކުރު ހިންގައިގެން ކާމިޔާބުގެ ހަރުފަތްތައް ގިރާކުރުމަށް ދަރިވަރުންނަށް
ލިއްބައިދެވޭ ހިތްވަރެވެ. މިކަމުގެ
ސަބަބުން އުނގެނުމުގެ މަރުހަލާ
ނިންމުމަށްފަހު އަމަލީ މައިދާންތަކުގައި ހަރަކާތްތެރިވާން ނުކުންނަ
ދަރިވަރުންނަކީ ހުނަރުވެރިންގެ ގޮތުގައި
ދަނީ ގިނަވަމުންނެވެ. މިކަމުގެ އެންމެ
ބޮޑު އެއް ކާމިޔާބީ އަކީ އުނގަންނައި
ދިނުމުގައި ކޮންމެ ފިލާވަޅެއްގައިވެސް ދަރިވަރުން އަމިއްލައަށް އުނގެނި
ދަސްކުރުމުގެ ވެއްޓެއް ޤާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާގެ ފޮނިކަމެވެ.
އުނގަނައިދިނުމުގައި ތަފާތު ދިރާސާތަކުން
އެނގިގެންދިޔަ މެތަޑުތައްް ކިޔަވައިދިނުމުގައި ބޭނުންކުރެވެއެވެ. އެގޮތުން ބިހޭވިއަރ ލާރނިންގ
ތިޔަރީއަކީވެސް ފިލާވަޅުގައި ދަރިވަރުން ބައިވެރިކޮށްގެން ދަރިވަރުންގެ ސުލޫކު
ބައްޓަންކޮށް ރަނގަޅު ސުލޫކް ތަކެއްގައި ހިފަހައްޓުވައި އުނގެނުން ފަހިކުރުވުމަށް
ކުރެވުނު އެއްމަސައްކަތެވެ. އެގޮތުން ފިކުރު ކުރުމުގެ ހުނަރާއެކު އުނގެނުމުގައި
ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް އަމިއްލައަށް ހޯދައިގެން މަސައްކަތް ކުރިއަށް
ގެންދިއުމަށް ދަރިވަރުންނަށް ދެވުނު ބާރެވެ.
މައްސަލަ ހައްލުކުރުމުގެ މަރުހަލާ ތަކުގެ ތެރެއިން ތިމާގެ
އަމިއްލަމަސައްކަތުން ލިބިގަނެވޭ ކާމިޔާބުން ނަފުސަށް ހިތްވަރުލިބި ދެވަނަ
ފަހަރަކަށް ކަންތައްތައް ކުރުމަށްް އުފެއްދި ޝަޢުޤުވެރިކަމެވެ.
ދަރިވަރުންގެ ހިތްތަކުގައި އުފެދޭ
ޝަޤުޤުވެރިކަމުން ދަސްކުރެވޭ އެއްޗެއް ގިނަދުވަސްތަކަކަށް ހަނދާނުގައި ހަރުލާފައި
ހުންނަކަން ފާހަގަކުރަމެވެ. ދަރިވަރުން
ގުޅިގެން އަމިއްލައަށް ކަންތައްތައް ދެނެގަނެ ދަސްކުރުމުގެ ތެރެއިން ކުލާހުގައި
ތިބޭ އެކިފަންތީގެ ދަރިވަރުންގެ މެދުގައި އެއްބައިވަންތަ ކަމުގެ ރޫހް އުފެދި
އެކަކު އަނެކަކަށް އިތުބާރު ބޮޑުވެ އިޖުތިމާޢީ ރޫހް ވަރުގަދަ ވެގެން ދެއެވެ. ހަމަ
އެއާއެކު އުނގެނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދިމާވާ ދަތި އުނދަގޫ
ގޮތްތަކުން މިންޖުވުމަށް ކާމިޔާބީއަކާ ހަމައަށް ދާނެ ހިތްވަރު އުފައްދައިދެވެއެވެ.
މިގޮތަށް ކުރިއަށް ގެންދިއުމުގައި
ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދެވޭ އިރު " ސޯޝަލް ކޮގްނެޓިވް ލާރނިންގ ތިޔަރީ
" އަކީ ދަރިވަރުން އުފައްދާ ޚިޔާލުތައް ކުލާހަށް ހުށަހެޅުމުގައި ބަސްބޭނުން
ކުރެވޭނޭ ފުރުޞަތު ފަހިކޮށްދީގެން ކިޔަވައި ދިނުން ކުރިއަށް ގެންދެވިދާނެ
ތިޔަރީއެކެވެ. މިގޮތުން ކުދިންގެ އުނގެނުމުގެ މާހައުލުގައި އެންމެ އިސް ރޯލެއް
އަދާކުރާ އެއްފަރާތަކީ އެކުގައި ކިޔަވަން އުޅޭ
ކުދިން ކަމުގައިވާތީ ދޭދޭ ކުދިންގެ މެދުގައި
ބަދަލުކުރެވޭ މައުލޫމަތަކީ މުހިއްމު ބަޔަކަށް ވާތީ ދަރިވަރުން އެއްކުރި މަޢުލޫމާތު ތަކުގެ
މައްޗަށް ވާހަކަ ދައްކާ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވެއެވެ. ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމުގެ
ހަރަކާތްތަކަކީ ވަރަށްގިން މަޢުލޫމާތުތަކެއް ހިމަނައިގެން ވަކިގޮތަކަށް
ރާވާލަންޖެހޭ ފިލާވަޅު ތަކަކަށްވާތީ އެކަމަށްޓަކައި
މަސައްކަތް ކުރާނެ އުފެއްދުންތެރި ގޮތްތަކެއް ދަސްކޮށްދިނުމަށް މުދައްރިސް ،
ދަރިވަރުންގެ ވިސްނުން އެއް ދިމާއަކަށް
ފޯކަސް ކުރުމުގެ ބަދަލުގައި ތަފާތު ދިމަދިމާއަށް ފިކުރު ހިންގުމަށް ފުރުޞަތު
ފަހިކޮށްދެއެވެ. ގްރޫޕްކުމުގައި ހުނަރުގެ
ގޮތުންނާއި ، ތަޢުލީމީފެންވަރުގެ ގޮތުންނާއި ދަސްކުރުމުގެ ނުވަތަ ހޯދާ
ދެނެގަތުމުގެ ވައްޓަފާޅިއަށް ބަލައި ތަފާތު ދަރިވަރުން ހިމެނޭ ގޮތަށް
މަސައްކަތް ހަވާލު ކުރުމުގެ ޘަޤާފަތް
މަދަރުސާ ތަކުގައި މިހާރު ދަނީ ފައްކާ ކުރަމުންނެވެ.
މި ކަންކަމަށް ބާރުލިބިގެން ކިޔަވައިދިނުން
ކުރިއަށް ގެންދެވެނީ ދަރިވަރުން އަމިއްލައަށް ކުރާމަސައްކަތަކުން އެއްޗެހި ތަކެއް
ދަސްވަމުން ދާނެގޮތަކަށެވެ. އުނގަންނައިދިނުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް
ހަރަކާތްތެރި މާހައުލެއްގައި އަމިއްލައަށް
ނަފުސަށް މިހާރުވަނީ ތަޖުރިބާ ކުރެވިފައެވެ. ކިޔަވައިދިނުމުގެ ތެރެއިން
ދަރިވަރުންނަށް ހޯދައިދެވުނު ހުރިހާ ކާމިޔާބީ އަކީވެސް މިދެންނެވި މަގުން
ކޮށްދެވުނު މަސައްކަތުގެ ފޮނި މޭވާއެވެ. އުނގެނުން ތަރައްޤީކޮށް ކުރިއެރުވުގެ
ތެރެއިން ކަމުގެ ތަޖުރިބާކާރުން ނުވަތަ ދިރާސާ ކުރާފަރާތްތަކުން ހާމަ ކޮށްފައިވާ
ގޮތުން އުނގަންނައި ދިނުމުގެ ކާމިޔާބީއަށް ބަލާއިރު ވާދަވެރި މާހައުލެއްގައި
ކިޔަވައިދިނުމާއި، ވަކިވަކި ދަރިވަރުންނަށް އަމާޒުކޮށްގެން ކިޔަވައިދިނުމުގައި
" ޓޗަރ ސެންޓާރޑް ލާރނިން" އަށް ވުރެ ދަރިވަރުންނާއި ގުޅިގެން
އެއްބާރުލައިގެން ( ސްޓޫޑެންޓް ސެންޓާރޑް ލާރނިން) ތިޔަރީން
އުނގަންނައިދިނުމަކީ އެންމެ ފައިދާ ހުރި ގޮތްކަމުގައި ތަޖުރިބާތަކުން އެނގި އުނގަންނައިދިނުމުގައި މިހާރު އެންމެ
ފުރިހަމަ ގޮތުގައި މި މެތަޑު ބޭނުންކުރެވެން ފަށައިފިއެވެ. މިގޮތުން ކާމިޔާބު
މެތަޑެއްގެ ގޮތުގައި ވެގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ބީއެފް ސްކިނަރގެ
ނަޒަރިއްޔާގައި ބުނާ ދަރިވަރުންގެ ކިބައިން ފެންނަ ޝަޢުޤުވެރިކަމަށް
ހިތްވަރުދިނުމުގެ ސަބަބުންކަން ތަޖުރިބާ ކުރެވެއެވެ.
ދަރިވަރުން ބައިވެރިކޮށްގެން އުނގަންނައި
ދިނުމަކީ ސީދާ ގޮތުންނާއި ނުސިދާ ގޮތުން
ބެލިކަމުގައިވިޔަސް ދަރިވަރަށް އެންމެ މަންފާ ކުރަނިވި ގޮތެއްގައި ކިޔަވައިދެއްވާ
ޓީޗަރަށް ކުރެވޭ މަސައްކަތުގެ ހިތްހަމަ ޖައްސާލެވޭ އެއް
މެތަޑެވެ. މިގޮތަށް ކިޔަވައިދިނުމުގައި ކޯޕަރޭޓް ލާރނިންގ ތިޔަރީ ފިލާވަޅުތަކުގައި ބޭނުންކުރުމުގައި ވިސްނާލަން
ޖެހޭ އެއް ކަމަކީ އެދުވަހެއްގެ ފިލާވަޅު ކާމިޔާބު ކަމާއެކު ގެންދާނީ ކިހިނެއް
ކަމެވެ. ދަރިވަރުން ބައިވެރިކޮށްގެން ނުވަތަ ސްތޫޑެންޓް ސެންޓާރޑް ލާރނިންގ އަށް
އިސްކަން ދެވޭއިރު ފިލަވަޅާ ގުޅޭ ޝަޢުޤުވެރި ހަރަކާތްތަކާއި، ތަމްރީންތައް އަދި
ކުޅިވަރުތައް ގެންދިއުމުގެ ކުރިން ފިލާވަޅުން ލިއްބައިދޭން ޖެހޭ ހުނަރާއި ސިފަ
އޮޅުން ފިލުވައިދޭނީ ކިހިނެއްކަން ކޮން
ވަޤުތެއްގައިކަން ވިސްނުމުގައި އޮންނަން
ޖެހެއެވެ. އަދި ކުރިއަށް ގެންދެވޭ އެކްޓިވިޓީ އިން ދަރިވަރަށް ހާސިލްވާނީ
ކޮންކަމެއްކަން ވެސް އެނގި ފިލާވަޅު ކުރިއަށް ގެންދެވޭ ނަމަ ތަފާތު ތިޔަރީ ތަކުގެ
ފުރިހަމަ ބޭނުން ހިފިގެން ދާނެއެވެ. ކިޔަވައިދިނުމާ ގުޅުން ހުރި އެކއެކި
ތިޔަރީތަކުގެ އަލީގައި އުނގަންނައިދެވޭ ނަމަ ދަރިވަރުން އަބަދުވެސް ތިބޭނީ
ކުލާހަށް ދުރުވާ ޓީޗަރެއްގެ އެދުވަހަކު ނަގައިދެއްވާ ފިލާވަޅަކަށް މަރުހަބާ
ކިޔުމަށް ތައްޔާރުވެގެންނެވެ. އަދި ފިލާވަޅު ނިމިގެން ދާވަޤުތު ދަރިވަރުންގެ
ފަރާތުން މުދައްރިސް ހިތްހަމ ޖެހޭފަދަ މަންޒަރުތަކާއި ޝުކުރުގެ ބަސްތައް އޮހިގެން
ދާނެއެވެ. އަދި ދަރިވަރުން ބަލައިގަންނަ މުދައްރިސްއަކަށް ވެގެން ދާނެއެެވެ.
ރެފަރެންސް ލިސްޓް
Ø
އާމިނަތު ޝާފިޔާ އާދަމް. (2011). އިންސްޓްރަކްޝަނަލް
ސައިކޮލޮޖީ، ސޓަޑީ ގައިޑް. ސެންޓަރ ފޮރ އޯޕަން ލަރނިންގ. މާލެ: ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ.
No comments:
Post a Comment